ކަނބުލޮ ފިލް ބަލާފައި ނިކުތް ކަނބަލުންތަކެއް މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

ކަނބުލޮ ފިލް ބަލާފައި ނިކުތް ކަނބަލުންތަކެއް މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

Author
އައިޝަތު އަޙްމަދު
07 ސެޕްޓެމްބަރ 2025 11:06
0

އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ވިލާ ކޮލެޖުގައި ދިވެހި ފިލްމެއް ބަލުމަށްފަހު ސިނަމާ ހޯލުން ބޭރަށް ނިކުތް ދެ ޒުވާން އަންހެނުންގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރޭ ހިނގި މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު، އެ ވީޑިއޯގައި ފެންނަނީ ދެ އަންހެން ކުދިން އެކަކު އަނެކަކަށް އަތްލައި، މާރާމާރީ ހިންގާ މަންޒަރެވެ. މާރާމާރީ ހުއްޓުވުމަށް އެތަނުގައި ތިބި މީހުން މަސައްކަތް ކުރާ ތަން ވެސް ވީޑިއޯގައި ރެކޯޑު ވެފައިވެއެވެ.

ވީޑިއޯ ހިއްސާ ކުރި ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ އަންހެނުން މާރާމާރީ ހިންގާފައިވަނީ ދިވެހި ފިލްމު "ކަނބުލޮ" ބެލުމަށްފަހު ސިނަމާ ހޯލުން ބޭރަށް ނިކުތްވަގުތުއެވެ. ހިތަދޫ ކެނެރީ މަގުގައި ހިނގި މި ހާދިސާ ރޭ 22:45 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރެވިފައިވާ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ހިތަދޫގެ ބައެއް ފަރާތްތަކުން ލިބުނު މައުލޫމާތުގައި ބުނެފައިވަނީ، ދެ އަންހެނުންގެ މެދުގައި ޚިލާފު އުފެދިފައިވަނީ ފިރިހެނަކާ ގުޅުންހުރި މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް މި މައުލޫމާތު ރަސްމީ ފަރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ފުލުހުންގެ ފަރާތުން ބުނެފައިވަނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި، މައްސަލައިގެ އިތުރު ތަފްސީލު މި ވަގުތު ހާމަކުރެވެން ނެތް ކަމަށެވެ. މާރާމާރީގައި ބައިވެރިވި ފަރާތްތަކާއި، ހާދިސާ ހިނގި ސަބަބާ ގުޅޭ ގޮތުން ފުލުހުން އިތުރު މައުލޫމާތު ހޯދަމުން ގެންދާނެ ކަމަށް މައުލުމާތު ލިބިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.