ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) ގެ ޗެއާޕާސަންގެ މަގާމަށް މ. އެމޭޒަން، މުޙައްމަދު ޝާމީ އާދަމް މިއަދު އައްޔަންކޮށްފިއެވެ.
އާރްޑީސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ޝާމީ އަށް މަރުޙަބާ ކިޔައި، ކުންފުނި ހިންގުމުގައި އޭނާގެ އިރުޝާދާއެކު ކުރިއަށް ދިއުމަށް ތައްޔާރުވެތިބި ކަމަށެވެ. ޝާމީ އަކީ މީގެ ކުރިން ވެސް އާރްޑީސީގެ ޗެއާގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އެހެންނަމަވެސް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އޭނާ އެ މަގާމުން ވަކިކުރިއެވެ. އެ ވަގުތު ޝާމީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރުކަމުން ވެސް ވަކިކުރިއެވެ. އެ މަގާމުތަކުން ވަކިކުރި ސަބަބެއް ޕީސީބީން އޭރު ހާމައެއް ނުކުރެއެވެ.
ޝާމީގެ ކެރިއަރަށް ބަލާއިރު، ސޭފްޓީ އެންޑް ސެކިއުރިޓީ، ސްކޫބާ ޑައިވިން، ބޯޓް އޮޕަރޭޝަންސް، ފިޝަރީޒް މެނޭޖްމަންޓް، ރިސްކް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޓްރެއިނިން މެނޭޖްމަންޓް އަދި ބިޒްނަސް އެކްޓިވިޓީސް ބެލެހެއްޓުން ފަދަ ދާއިރާތަކުން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.
1991 ވަނަ އަހަރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ކެރިއަރު ފެށި ޝާމީ، 2005 ވަނަ އަހަރާ ހަމައަށް އެމްއެންޑީއެފް ޓްރެއިނިން ކޮމާންޑުގައި މަސައްކަތް ކުރިއެވެ. އެމްއެންޑީއެފް ޓްރެއިނިން ކޮމާންޑްގެ ހެޑް އޮފް ޓްރެއިނިން ޑިޕާޓްމަންޓްގެ މަގާމުން ވަކިވުމަށްފަހު، ފަޔާ އެންޑް ސޭފްޓީ މެނޭޖްމަންޓަށް ކެރިއަރު ބަދަލުކޮށް، އެންޓިފަޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގައި ޖެނެރަލް މެނޭޖަރުގެ މަގާމު އަދާކުރިއެވެ.
2007 އިން 2009 އަށް އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރުކަމާއި، 2013 އިން 2015 އަށް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރުކަން ވެސް ޝާމީ ކޮށްފައިވެއެވެ. މީގެ އިތުރުން ހޮލިޑޭ އިން ރިސޯޓް ކަންޑޫމާ، މޯލްޑިވްސްގައި ރިސްކް އެންޑް މެރިން އޮޕަރޭޝަންސް މެނޭޖަރުގެ މަގާމު ވެސް އޭނާ އަދާކޮށްފައިވެއެވެ. އެ ރިސޯޓަކީ އިންޓަކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕުން މެނޭޖްކުރާ ތަނެކެވެ.
ކޮމެންޓު ފޮނުވާ