މާލޭގައި ދިރިއުޅެން އެދޭ މީހުންގެ އަދަދު މަދުވެ، ބޯހިޔާވަހިކަމުގެ ޑިމާންޑް ހުޅުމާލެއަށް ބަދަލުވަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އައު ދިރާސާއަކުން ހާމަވެއްޖެއެވެ. މި ބަދަލާއެކު މާލޭގެ ކުލީގެ އަގުތައް ދަށްވެ، ހުޅުމާލޭގެ ކުލި މައްޗަށް ޖެހިލަމުންދާ ކަމަށް ދިރާސާއިން ފާހަގަކޮށްފައިވެއެވެ.
އެމްއެމްއޭގެ ރިސާޗް ޓީމުން ތައްޔާރުކޮށްފައިވާ މި ދިރާސާއަކީ، ރާއްޖޭގައި އެޕާޓްމަންޓް ކުއްޔަށް ދިނުމަށް އެންމެ ގިނައިން ބޭނުންކުރާ އޮންލައިން ޕްލެޓްފޯމް "އައިބޭ" އިން ނަގާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 2023 ފެބްރުއަރީން 2024 ޖެނުއަރީގެ ނިޔަލަށް ހަދާފައިވާ ދިރާސާއެކެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން، އަހަރުތަކެއް ވަންދެން މާލޭގައި އޮތް ބޯހިޔާވަހިކަމުގެ ބޮޑު ޑިމާންޑް މިހާރު ވަނީ ހުޅުމާލެއަށް ޝިފްޓްވެފައެވެ. 2023 ޖެނުއަރީ މަހު ހުޅުމާލޭގައި އެޕާޓްމަންޓެއް ކުއްޔަށް ލިބޭ އެވްރެޖް އަގަކީ 14,309.55 ރުފިޔާ ކަމުގައި ވީނަމަވެސް، 2024 ޖެނުއަރީ ވަނައިރު މި އަދަދު 18,442.26 ރުފިޔާއަށް އުފުލިފައިވެއެވެ. މިއީ 5 ޕަސެންޓަށްވުރެ ބޮޑު އިތުރުވުމެކެވެ.
އެހެންނަމަވެސް މާލޭގައި ވިލިނގިލި ހިމަނައިގެން ބަލާއިރު، ކުލީގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ. އެންމެ ބޮޑު ދަށްވުމެއް ފެނިގެން ދިޔައީ ގަލޮޅުގައި ކަމަށް ދިރާސާއިން ދައްކައިފިއެވެ. ގަލޮޅުގައި އެޕާޓްމަންޓުގެ ކުލި 40 ޕަސެންޓް ވަރު ދަށްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮޓަރިތަކުގެ އަދަދަށް ބަލާއިރު، އެއް ކޮޓަރީގެ އެޕާޓްމަންޓުތަކުގެ އަގު އެންމެ މައްޗަށް ދިޔައީ 2023 ޑިސެމްބަރު އަދި 2024 ޖެނުއަރީ މަހުގައެވެ. މި ކެޓަގަރީގައި އެންމެ ބޮޑަށް އަގު އުފުލުނީ ހެންވޭރު އަދި މާފަންނުގައެވެ. 2023 ނޮވެމްބަރު މަހު ގަލޮޅުގައި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ އަގުތައް މައްޗަށް ދިޔަ ކަމަށް ރެކޯޑުތަކުން ދައްކައެވެ.
ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް ބަލާއިރު، 2023 ޖުލައި މަހު އަގުތައް 30,000 ރުފިޔާ ކައިރިއަށް އުފުލިފައިވާ ކަމަށް ދިރާސާއިން ހާމަވެއެވެ. މި ކެޓަގަރީގައި އަގުތައް އެންމެ ބޮޑަށް މައްޗަށް ގޮސްފައިވަނީ ހުޅުމާލޭގައި ކަމަށް ފާހަގަކުރެވިފައިވެއެވެ.
މި ދިރާސާއިން ފެންނަ ގޮތުން، ރާއްޖޭގެ ބޯހިޔާވަހިކަމުގެ މާކެޓުގައި ބޮޑު ބަދަލުތަކެއް އަންނަމުންދާއިރު، ހުޅުމާލެ ވަނީ ދިރިއުޅުމަށް އިސްކަންދޭ ސަރަހައްދަކަށް ވެފައެވެ. މާލޭގެ ބައެއް އަވަށްތަކުގައި ކުލި ދަށްވުމަކީ، ޑިމާންޑް މަދުވުމުގެ ސީދާ ނަތީޖާއެއް ކަމަށް އިގްތިޞާދީ ތަޖުރިބާކާރުން ލަފާކުރެއެވެ.
ކޮމެންޓު ފޮނުވާ