ރާއްޖޭގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައިވެ އެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 842.77 މިލިއަން ރުފިޔާ އެވެ.
މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދާއި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޒީމް ވަނީ މި މުހިންމު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
މި ޕްރޮޖެކްޓުގެ ދަށުން މަގުތައް ތަރައްޤީކުރެވޭ ރަށްތަކުގެ ތެރޭގައި ތިލަދުންމަތީ އަތޮޅުގެ ގުރައިދޫ، ކިނބިދޫ އަދި ހިރިލަންދޫ ހިމެނެ އެވެ. އަދި މީމުނު މުލި، ތިލަދުންމަތީ ދެކުނުބުރީ ތުރާކުނު، ހުވަދު އަތޮޅު ދެކުނުބުރީ ނޮޅިވަރަންފަރު އަދި ފިނޭ، ބާ އަތޮޅު ތުޅާދޫ އަދި ކުޑަރިކިލު، ޝަވިޔަނީ މަރޮށި އަދި ނޫނު މާފަރު ވެސް ހިމެނެ އެވެ.
އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅިފައިވަނީ ނޫނު މާފަރަށް ކަމަށްވާއިރު، އެ ރަށުގެ މަގުތައް ހެދުމަށް 116 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. ދެވަނައަށް އެންމެ ބޮޑު އިންވެސްޓްމަންޓަކީ ހުވަދު އަތޮޅު ދެކުނުބުރީ ނޮޅިވަރަންފަރަށް ކަނޑައެޅިފައިވާ 101.2 މިލިއަން ރުފިޔާ އެވެ. އެންމެ ކުޑަ ބަޖެޓަކީ ބާ އަތޮޅު ކުޑަރިކިލަށް ކަނޑައެޅިފައިވާ 53.5 މިލިއަން ރުފިޔާ އެވެ.
މި ހުރިހާ ރަށެއްގެ ވެސް މަގުތައް ހަދާ ނިންމާނީ 730 ދުވަހުގެ ތެރޭގައި ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ. މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށެއްގެ ވެސް ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވި، ރައްޔިތުންނަށް ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރެވޭނެ އެވެ.
އާރްޑީސީން މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ އެވެ. ކުޅުދުއްފުށި ސިޓީގައި ޖަލާލުއްދީން ސްކޫލުގެ ވޯކްވޭ ހެދުމުގެ މަސައްކަތާއި، ގާފު އަލިފު ގެމަނަފުށީގައި އިމާރާތްކުރަން ފަށައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ވެސް އިސްލާމިކް މިނިސްޓްރީއާއެކު އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވެ އެވެ.
މީގެ އިތުރުން ލާމު ގަމުގެ މަގުތަކުގައި ސްޓޯމް ވޯޓަރ ޖަންކްޝަން ބެހެއްޓުމާއި ކަރބް ސްޓޯން ޖެހުމުގެ މަސައްކަތާއި، ދާޅޫ ކުޑަހުވަދޫގެ ފުޓްސަލް ދަނޑުގެ ވޯކްވޭގައި ކަރބް ސްޓޯން ޖެހުމުގެ މަސައްކަތް ވެސް އާރްޑީސީން ކުރިއަށް ގެންދާނެ އެވެ. ހަމައެއާއެކު ހަތަރު ރަށެއްގައި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް އެޅުމާއި، ހަތަރު އައުޓްޑޯ ޖިމާއި އެއް ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ވެސް އާރްޑީސީއާ ހަވާލުކުރެވިފައިވެ އެވެ.
މި މަޝްރޫޢުތަކަކީ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ވަޢުދުތައް ފުއްދުމަށާއި، ރާއްޖޭގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމުގައި ސަރުކާރުގެ ފަރާތްޕުޅުން ވިދާޅުވެފައިވެ އެވެ.
ކޮމެންޓު ފޮނުވާ