މޫސުން ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް

މޫސުން ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް

Author
ހުސައިން
06 އޮގަސްޓް 2025 12:06
0

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް އަންގައި، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ވައިޓް އެލާޓެއް ނެރެފިއެވެ. މިއަދު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު ދެމިއޮންނާނެ މި އެލާޓްގައި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުމާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ދީފައިވާ މަޢުލޫމާތު ދައްކާގޮތުން، މާދަމާއިން ފެށިގެން މޫސުން އަލިވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް އޭގެ ކުރިން ވެސް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދެކުނުގެ އެކި ސަރަހައްދުތަކަށް ވިއްސާރަވެ ގުގުރުމުގެ އިތުރުން، މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވާރޭ ވެހި، ވައި ގަދަވެފައިވާކަން މެޓް އޮފީހުގެ ރިކޯޑުތަކުން ފާހަގަކުރެވެއެވެ. އެގޮތުން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރ. އަލިފުށްޓަށް ކަމަށާއި، އެ ރަށަށް 44.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަން ރެކޯޑުތަކުން އެނގެއެވެ.

ވައިގެ ގޮތުން ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވިލާގަނޑުގައި އެންމެ ގަދައަށް ވައި ޖެހިފައިވަނީ ހުޅުލެއަށް ކަމަށާއި، އެ ރަށަށް 43 މޭލުގެ ބާރުމިނުގައި ވައި ޖެހިފައިވާކަން ފާހަގަކުރެވެއެވެ. އާންމު ވައިގެ ގޮތުން އެންމެ ގަދައަށް ވައި ޖެހިފައިވަނީ ހދ. ހަނިމާދޫއާއި މަކުނުދޫއަށް ކަމަށާއި، މި ދެ ރަށަށް 22 މޭލުގެ ބާރުމިނުގައި ވައި ޖެހިފައިވާކަން މެޓް އޮފީހުން ހާމަކުރެއެވެ.

މޫސުން ގަދަވާ މި ދުވަސްވަރު ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށާއި، ކުޑަ އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.