މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ. މި އިދާރާގެ މަޢުލޫމާތު ތަކުން ދައްކާ ގޮތުގައި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މެޓުން މަޢުލޫމާތު ދީފައިވެއެވެ. މި ހާލަތާ ގުޅިގެން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރި ފިޔަވަޅުތައް އެޅުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.
މި ދުވަސްވަރަކީ ސްކޫލުތަކުގެ ބަންދު ދުވަސްވަރުކަމުން، ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުކުރާ މީހުން ގިނަ ދުވަސްވަރެކެވެ. ނަމަވެސް މޫސުން ގޯސްވެފައިވާ މި ހާލަތުގައި، އެމްއެންޑީއެފުން ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އަންގާފައެވެ.
ޚާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ދަތުރު ނުކުރުމަށާއި، މޫސުން ގޯސްވެފައިވާނަމަ ދަތުރު ފަސްކުރުމަށް އެމްއެންޑީއެފުން ވަނީ ބާރުއަޅައި ހަނދާންކޮށްދީފައެވެ. މިއީ ދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ