ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ

ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ

Author
ހުސައިން
05 އޮގަސްޓް 2025 10:49
0

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާ ކޮށްފިއެވެ.

މިއަދު ހެނދުނު 07:30 އިން ފެށިގެން މެންދުރު ފަހު 01:30 ހާހަމައަށް ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު، އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

އެހެންމެ މިއަދު ހެނދުނު 07:30 އިން ފެށިގެން މެންދުރު ފަހު 01:30 ހާހަމައަށް އއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު، އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެ އިދާރާގެ މަޢުލޫމާތު ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ބ. ދަރަވަންދޫއަށެވެ. ދަރަވަންދޫއަށް 44.5 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.

ހުޅަނގާއި، ހުޅަނގު އުތުރުން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލު ދެމެދު ވައި ޖެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އެވްރެޖުކޮށް 15 މޭލާއި 25 މޭލު ދެމެދު ވައި ޖެހޭނެ ކަމަށާއި، މި ހާލަތު ބުރާސްފަތި ދުވަހާ ހަމައަށް ދެމިއޮންނާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

ވައިގަދަވެ ކަނޑުތައް ގޯސްވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ. ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ވެސް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.