ޓެކްސް އެޕީލް ޓްރިބިއުނަލަށް މެންބަރަކު ހޯދުމަށް ދެވަނަ ފަހަރަށް ފުރުސަތު ހުޅުވައިލައިފި

ޓެކްސް އެޕީލް ޓްރިބިއުނަލަށް މެންބަރަކު ހޯދުމަށް ދެވަނަ ފަހަރަށް ފުރުސަތު ހުޅުވައިލައިފި

Author
ހުސެއިން
04 އޮގަސްޓް 2025 07:26
0

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވައިލައިފިއެވެ. މި ފުރުސަތު ހުޅުވައިލާފައިވަނީ ޓްރިބިއުނަލްގެ ރައީސްގެ މަޤާމުގައި ހުންނެވި ޢަބްދުލްޣަނީ މުޙައްމަދު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ޢަބްދުލްޣަނީ މުޙައްމަދަކީ މިހާރު އުއްތަމަ ފަނޑިޔާރުކަމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާފައިވާ ފަރާތެވެ.

މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ މުއްދަތަކީ މި މަހުގެ 19 ވަނަ ދުވަހާ ހަމައަށެވެ. އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ޓްރިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ މައިގަނޑު 14 ޝަރުޠެއް ކަނޑައަޅާފައިވެއެވެ. މި ޝަރުޠުތަކުގެ ތެރޭގައި މާލީ، ޓެކްސް، ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވުމާއި، ޓެކްސް ސިޔާސަތުތަކާ ގުޅޭ ބަހުސްތަކުގައި ފަންނީ ގޮތުން ބައިވެރިވެވޭ ޤާބިލިއްޔަތު ލިބިފައިވުން ހިމެނެއެވެ.

މީގެ އިތުރުން ކުށެއް ސާބިތުވެފައިނުވާ ފަރާތަކަށްވުމާއި، އިންތިޚާބު ކުރެވޭ މަޤާމެއް ނުފުރުމާއި، ސަރުކާރުގެ ނުވަތަ އަމިއްލަ ކުންފުނިތަކުގެ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިނުވުމާއި، ޑިރެކްޓަރުންގެ ބޯޑެއްގައި ނުހިމެނުމާއި، ސިޔާސީ މަޤާމެއްގައި ނުހުރުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، ސިވިލް ސާވިސް މުވައްޒަފަކަށް ނުވުމާއި، މިނިވަން މުސްތަޤިއްލު މުއައްސަސާއެއްގެ މުވައްޒަފަކަށް ނުވުން ފަދަ ޝަރުޠުތައް ހިމެނެއެވެ.

މިއީ ކުރު މުއްދަތެއްގެ ތެރޭގައި ޓެކްސް އެޕީލް ޓްރިބިއުނަލަށް މެންބަރަކު ހޯދުމަށް ހުޅުވައިލާ ދެވަނަ ފަހަރެވެ. ކުރިން މިދިޔަ މަހު ހުޅުވައިލީ ޓްރިބިއުނަލްގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިސްމާޢީލް ސާޖިދު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.