ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުންދާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް ދިވެހި ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދީފައިވާ މައުލޫމާތުގައި ވާގޮތުން، ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި، ވައި ވަރަށް ބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެއެވެ. މި ހާލަތުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެނިހެން ކަނޑު ދަތުރުތައް ނުކުރުމަށް އެމްއެންޑީއެފުން ވަނީ ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ.
ޚާއްސަކޮށް ރޭގަނޑު ކަނޑު ދަތުރުތައް ނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ ދަތުރު ފަސްކޮށްލުމަށް ސަލާމަތީ އިދާރާތަކުން އިލްތިމާސްކުރެއެވެ. އަދި މޫސުމާ ބެހޭ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައި ވަނިކޮށް އެއްވެސް ކަނޑު ދަތުރެއް ނުކުރުމަށްވެސް ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
ކަނޑު ދަތުރު ކުރަން ޖެހިއްޖެ ހާލަތެއްގައި، ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުގައި ހުންނަންޖެހޭ ސަލާމަތީ އާލާތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ސަލާމަތީ އިދާރާތަކުން އިލްތިމާސްކުރެއެވެ. ލައިފް ޖެކެޓް ފަދަ ސަލާމަތީ ސާމާނު ބޭނުންކުރުމާއި، އުޅަނދުގައި މަދުވެގެން ދެ މީހުން ތިބުމާއި، މުވާސަލާތީ ވަސީލަތްތައް ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުމަކީ ވަރަށް މުހިންމު ކަންކަމެވެ.
މޫސުން ގޯސްވެއްޖެނަމަ އުޅަނދު ފަރަށް އެރުމާއި، ފަޅުން ނުކުމެވޭގޮތް ނުވުމާއި، އުޅަނދު އަޑިއަށް ދިއުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް ސަލާމަތީ އިދާރާތަކުން ފާހަގަކުރެއެވެ. ވީމާ، މިފަދަ ކުއްލި ހާލަތްތަކުގައި އެހީތެރިކަމަށް އެދޭނެ ގޮތްތައް ދެނެގަތުމާއި، ސަލާމަތީ އިދާރާތަކުން ދޭ އިންޒާރުތަކަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މީގެ އިތުރުން، ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓުތަކުގައި ޖަހާފައި ހުންނަ ސޭފްޓީ ފެންސްތައް ވައިގަދަވުމުން ނުދާނޭހެން ރަނގަޅަށް ހަރުކުރުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފައިވެއެވެ. އަދި ގަދަ ވައިގަދަކޮށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ