ފަސް ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް އާރުޑީސީއާއި ހަވާލު ކޮށްފި

ފަސް ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް އާރުޑީސީއާއި ހަވާލު ކޮށްފި

Author
ޙަސަން މުޙައްމަދު
31 ޖުލައި 2025 06:37
0

ރާއްޖޭގެ ފަސް ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފައިވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މިއަދު ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހަތަރު ރަށެއްގައި އައުޓްޑޯ ޖިމް ހެދުމާއި، އެއް ރަށެއްގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވެއެވެ. މި މަޝްރޫޢުތައް ހިންގާނެ ރަށްތަކަކީ ރ.މާކުރަތް، ކ.މާފުށި، ކ.ގާފަރު، ކ.ތިމަރަފުށި އަދި ލ.ކަލައިދޫއެވެ.

މާކުރަތާއި ގާފަރުގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ކޮންމެ ރަށަކަށް 453،000 ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާއިރު، މި ދެ މަޝްރޫޢު 60 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭނެއެވެ. އެއާއެކު މާފުށީގައި ހުރި އައުޓްޑޯ ޖިމްގެ އިކުއިޕްމަންޓްތައް އައު ތަކެއްޗާ ބަދަލުކުރުމަށް 291،600 ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވޭއިރު، މި މަސައްކަތް ވެސް 60 ދުވަހުގެ ތެރޭގައި ފުރިހަމަކުރަންޖެހެއެވެ.

ތިމަރަފުށީގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމަކީ މި މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި ދަނޑު ތަރައްޤީކުރުމަށް 1.7 މިލިއަން ރުފިޔާ ޚަރަދުވާނެއިރު، މަސައްކަތް ނިންމުމަށް 120 ދުވަހުގެ މުއްދަތު ދީފައިވެއެވެ. ކަލައިދޫގައި ހުރި އައުޓްޑޯ ޖިމްގެ އިކުއިޕްމަންޓްތައް އައުކުރުމަށް ވެސް 291،600 ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މި ފަސް މަޝްރޫޢަށް ޖުމްލަ ގޮތެއްގައި 3 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވޭއިރު، ރައްޔިތުންނަށް ކުޅިވަރުކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި ހަށިހެޔޮކަން ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރޭގައި މި މަޝްރޫޢުތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.