އަންނަ ހަފްތާގައިވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

އަންނަ ހަފްތާގައިވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

Author
ހުސައިން
30 ޖުލައި 2025 08:11
0

އަންނަ ހަފްތާގަ ވެސް ވައި ބާރުވެ، ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

އަންނަ ހުކުރު ދުވަހު ރާއްޖޭގެ ބައެއް ހިސާބުތަކަށް ކޮންމެސް ވަރަކަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ލަފާކުރިނަމަވެސް، އަންނަ ހަފްތާގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށް މެޓުން ވިދާޅުވެއެވެ.

މާދަމާ ހެނދުނު 06:00 އަށް މޫސުން ލަފާކުރާގޮތަށް ބަލާނަމަ ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ލަފާ ކުރެއެވެ.

ހުޅަނގާއި ހުޅަނގުއުތުރުން، އުތުރާއި، މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި މާދަމާ ވައި ޖެހޭނެ ކަމަށް ވެސް މެޓުން ލަފާކުރެއެވެ. ދެކުނު އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވެދާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

އުުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކުގެ ކަނޑުތައް މާދަމާ ގަދަވާނެ ކަމަށް ބެލެވެއެވެ. އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް ލަފާކުރެއެވެ.

މެދުރާއްޖެތެރޭގައި ރާޅުތަކުގެ އުސްމިނުގައި 4-7 ފޫޓު، އަދި ދެކުނުގައި ރާޅުތަކުގެ އުސްމިނުގައި 3-5 ފޫޓު ހުންނާނެ ކަމަށް ބެލެވެއެވެ.

ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.