ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަލީ ޒުހައިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހީމް ނަޒީމް އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ އާރްޑީސީގެ އެމްޑީގެ މަގާމުން ބްރިގޭޑިއާ ޖެނެރަލް (ރޓ) އަލީ ޒުހައިރު ވަކިކޮށް އެ މަގާމަށް މއ. އެލީޒިއަމް، އިބްރާހީމް ނަޒީމް އައްޔަންކޮށްފައިވާ ކަމަށެވެ. އަދި އެޗްޑީސީގެ އެމްޑީގެ މަގާމަށް ޒުހައިރު އައްޔަންކޮށްފައިވާ ކަމަށް ޕީސީބީ އިން ވަނީ ބުނެފަ އެވެ.
އާރްޑީސީގެ އެމްޑީގެ މަގާމަށް ޒުހައިރު އައްޔަންކުރެއްވީ ނޮވެމްބަރު 2023 ގަ އެވެ. ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރެއްވީ ޖުލައި 2019 ގަ އެވެ.
އާރްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވި ނަޒީމް މިހާތަނަށް ހުންނެވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގަ އެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މައުރޫފް ޖަމީލް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވާ މައުރޫފު އެކަން ކުންފުނީގެ މުވައްޒަފުންނަށް މީގެ ކުރިން އެންގެވި އެވެ. ކުރިން ނިންމާފައި އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ރިޓަޔާ ކުރައްވާ ގޮތަށެވެ.
ކޮމެންޓު ފޮނުވާ