ލޯކަލް ކައުންސިލް އިންތިޚާބު ލަސްކޮށް މުޅި ނިޒާމު ގަޑުބަޑުކޮށްލުމުގެ މޭސްތިރީއަކީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކަމަށް ވިދާޅުވެ މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީގެ ރައްދެއް ރައީސް ނަޝީދަށް ދެއްވައިފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން މަޖިލީހުގައި ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު ވީހާވެސް އަވަހަށް ބޭއްވުން ވަރަށް މުހިއްމުކަމަށެވެ. އަދި އެކަން ކުރުމަށް ޤާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ އެކަންވެސް ކުރުން މުހިއްމުކަމުގައި ދެކެވެޑައިގަންނަވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ މިވާހަތަކާއި ގުޅިގެން އަލްހާން ވިދާޅުވީ ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި މާލެ ސަރަހައްދު ލޮކްދައުންގައި އޮތް އިރުވެސް މަޖިލިސް ޖަލްސާތައް ބާއްވައި، މަޖިލިސް ތެރެއިން ކުރަން ބޭނުންވި ކަންކަން ކުރެއްވިކަމަށެވެ. އެގޮތުން ކޯވިޑްގެ ޙާލަތުގައި އިންތިޚާބު ލަސްކުރަން ޚާއްޞަ ޤާނޫނު ހަދައި މުޅި ނިޒާމު ގަޑުބަޑުކޮށްލުމަށް ކުރެއްވި ހުރިހާ މަސައްކަތެއްގެ މޭސްތިރިޔަކީ މަޖިލިސް ރައީސް ނަޝީދުކަމަށް އަލްހާން ވިދާޅުވިއެވެ.
ކޯވިޑް ލޮކްޑައުންގައިވެސް މަނިކުފާނު ޖަލްސާ ބާއްވަބައިގެން ކުރައްވަން ބޭނުންފުޅުވި ކަންކަން ކުރެއްވި! ބަހަނާ ނުދައްކަވާ! ކޯވިޑްގެ ޙާލަތުގައި އިންތިޚާބު ލަސްކުރަން ޚާއްޞަ ޤާނޫނު ހަދާ، ނިޒާމު ގަޑުބަޑުކޮށްލުމުގެ މޭސްތިރީއަކީ ސީދާ މަނިކުފާނު! އޮޅުވާނުލައްވާ! ޒިންމާ ނަންގަވާ!
– އަލްހާން ވިދާޅުވިއެވެ.
ކޮވިޑްގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ޖެހުމުން އެކަމަށް އެކުލަވާލި ހާއްސަ ޤާނުނުގައި ބުނެފައިވަނީ އިންތިޚާބާއި ގުޅޭ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދެވޭނީ ކޯވިޑްގެ ހާލަތާއި ގުޅިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. އަދި އެ ޤާނޫނު ބުނާގޮތުން އިންތިޚާބު ބޭއްވުމަކީ އާއްމު ސިއްހަތަށް ނުރައްކަލެއް ނުވާނެކަމަށް އެޗްޕީއޭއިން އިއުލާންކުރަންޖެހޭކަމަށްވެސް މި ޤާނުނުގައި ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ޤާނުނަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް ބިލެއް ޑްރާފްޓްކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން މާރިޗު މަހު އިންތިޚާބު ބޭއްވުމަށް އެއްވެސް ތައްޔާރީއެއް ނުވެވޭނެކަމަށްވެސް ޝަރީފު ވަނީ ވިދާޅުވެފައެވެ.
މިިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 6 ވަނަދުވަހު ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކުރީ ރާއްޖެއިން ކޯވިޑް ފެނި މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 15 ވަނަދުވަހު މުޅި ރާއްޖެ ފުރަބަންދުކުރުމާއި ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ