މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ރާއްޖޭގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓެއް ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ.
މި އެލާޓްގެ މުއްދަތަކީ މިއަދު ހެނދުނު 9 ޖެހުމާ ހަމައަށެވެ. މި މުއްދަތުގައި އެ ސަރަހައްދުތަކުގައި ގަޑިއަކު 19 މޭލުން 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އެއާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ވައިގަދަވުމާ ގުޅިގެން ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ. މި ސަބަބުން ދަތުރުފަތުރު ކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ލަފާކުރެވެއެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވަމުންދާ ދުވަސްވަރެއް ކަމުން، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ. ޚާއްސަކޮށް ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވުމަށް މެޓް އޮފީހުން ލަފާދީފައިވެއެވެ.
ކޮމެންޓު ފޮނުވާ