ރާއްޖޭގެ މޫސުން ގޯސްވަމުންދާތީ، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ކަނޑުމަގުން އެހެން ދަތުރުތައް ނުކުރުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފިއެވެ.
މޫސުމާބެހޭ އިދާރާގެ ލަފާގައި، ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވެ، މުޅި ރާއްޖެއަށް ވިއްސާރަ ވެހި، ވިލާގަނޑުގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ބުނެފައިވާތީ، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރެއެވެ.
ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ދަތުރުކުރާއިރު މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށާއި، ހާއްސަކޮށް ރޭގަނޑު ދަތުރުތައް ނުކުރުމަށް އެމްއެންޑީއެފް އިން ލަފާދީފައިވެއެވެ. މޫސުން ތަންނުދޭނަމަ، މޫސުން ރަނގަޅުވަންދެން ދަތުރު ފަސްކޮށްލުމަށް ވެސް އެ ފަރާތުން އިރުޝާދު ދީފައިވެއެވެ.
މޫސުމާބެހޭ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާނަމަ، އެ ވަގުތުތަކުގައި ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފް އިން ވަރަށް ބޮޑަށް އިލްތިމާސް ކޮށްފައިވެއެވެ.
މިއަދު މޫސުމާބެހޭ އިދާރާއިން ހއ އަތޮޅުން ފެށިގެން ފ އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވެއެވެ. މި އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 5:30 އިން ފެށިގެން މިރޭ 10:00 އާ ހަމައަށެވެ. މި ސަރަހައްދުތަކުގައި ގަޑިއަކު 25 އިން 30 މޭލަށް ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާދީފައިވެއެވެ.
ކޮމެންޓު ފޮނުވާ