ސްޓެލްކޯ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަރައްގީކުރި "ސްޓެލްކޯ ހިޔާ" ފްލެޓްތަކުގެ ކުލި ނުދައްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ސްޓެލްކޯއަށް އެންގުމަށް ނިންމައިފި އެވެ. މި ނިންމުމުގައި ޚާއްސަކޮށް ފާހަގަކޮށްފައިވަނީ އެ ކުންފުނީގެ ކުރީގެ ބޯޑު މެންބަރުންނާއި ވެރިންގެ ތެރެއިން ބޮޑެތި އަދަދުތަކުން ކުލި ނުދައްކާކަން ފާހަގަ ކުރެވިފައި ވަނިކޮށެވެ.
ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް މާލިއްޔަތު ކޮމެޓީގައި ހާމަކުރެއްވި މައުލޫމާތުގައި، މިހާރު ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިން ކުލީގެ ފައިސާ ކެނޑެމުންދާއިރު، ކުންފުނީގެ ކުރީގެ ބޯޑު މެންބަރުންނާއި ވެރިންގެ އަތުން މި ފައިސާ ހޯދުމަށް ދަތިވެފައިވާ ކަމަށެވެ. މިގޮތުން ބައެއް ފަރާތްތަކުން ދެ ލައްކަ ރުފިޔާ، އަދި އެހެން ބައެއް ފަރާތްތަކުން ތިން ލައްކަ ރުފިޔާ ވަރުގެ ބޮޑެތި އަދަދުތައް ކުއްޔަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުޑަ މުސާރައެއް ލިބޭ އާދައިގެ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ކުލީގެ ފައިސާ ކަނޑަމުންދާއިރު، ބޮޑެތި މަގާމުތައް ފުރާފައި ތިބި މީހުންގެ އަތުން މި ފައިސާ ނުހޯދައި ދޫކޮށްލުމަކީ އިންސާފުވެރި ކަމެއް ނޫން،" ކަމަށް މެންބަރު އަބްދުﷲ ޝަރީފް ފާހަގަކުރެއްވި އެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މި މައްސަލައިގައި ފާހަގަކުރެއްވީ، ވިޔަފާރި ތަންތަނުން ކުލި ނުދައްކައިފިނަމަ ކަރަންޓް ކަނޑާ އުސޫލު ސްޓެލްކޯ ހިޔާ ފްލެޓްތަކަށް ވެސް ގެންގުޅެވިދާނެ ކަމަށެވެ. އެހެންނަމަވެސް، ކަރަންޓް ކެނޑުމުގެ ފިޔަވަޅަށް ބައެއް މެންބަރުން ދެކޮޅު ހައްދަވައިފި އެވެ.
ކޮމެޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރީ، ސްޓެލްކޯއާއި ފްލެޓް ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން ކުލި ނުދައްކާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސްޓެލްކޯއަށް އެންގުމަށެވެ. މިގޮތުން ކުލި ނުދައްކައި ލަސްވާ ފަރާތްތަކުގެ އެއްބަސްވުން ބާތިލުކުރުމުގެ އިޚްތިޔާރު ވެސް ކުންފުންޏަށް ލިބިގެންވާ ކަމަށް ކޮމެޓީގައި ފާހަގަކުރެވުނެވެ.
ސްޓެލްކޯ ހިޔާ ފްލެޓްތަކަކީ އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ތަރައްގީކުރި ހައުސިންގ ޕްރޮޖެކްޓެކެވެ. މި ފްލެޓްތައް ލިބިފައިވަނީ ކުންފުނީގެ މުވައްޒަފުންނާއި ކުރީގެ ބައެއް ވެރިންނަށް ކަމަށް ކޮމެޓީގައި ހާމަވި އެވެ.
ކޮމެންޓު ފޮނުވާ