ގައްދޫން ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލުނު ޒަކަރިއްޔާގެ ހަށިގަޑު ފެނިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހަށިގަޑު ފެނިފައިވަނީ ގައްދޫ ކައިރީގައި އޮންނަ ގަމުގެ ފުއްޓަރު ފަރާތު ހޭޅިފަށު މޫދުންނެވެ.
"ޚަބަރު އޮންލައިން"އަށް މައުލޫމާތު ދިން ގައްދޫގެ މީހަކު ކިޔައިދިން ގޮތުގައި ޒަކަރިއްޔާގެ ހަށިގަޑު ފެނިފައިވަނީ، އޭނާގެ ހަށިގަޑު ހޯދުމަށް މިއަދު ނުކުމެ އުޅުނު ޑިންގީތަކުގެ ތެރެއިން ޑިންގީއަކަށް ކަމުގައެވެ. އަދި އޭނާގެ ހަށިގަޑު ފެނުމުގެ ޚަބަރު ފުލުހުންނަށް ލިބުމާއެކު ފުލުހުންގެ ފޮރެންސިކް ޓީމެއް މިހާރު ހަށިގަޑު ފެނުނު ސަރަހައްދަށް ދަތުރު ކުރަމުންދާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ގދ. ގައްދޫން ބުރާސްފަތި ދުވަހު ކަނޑަށް ނުކުމެ ގެއްލިފައިވާ 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ދަތުރުކުރި ޑިންގީ، ކަނޑުގެ 10 މީޓަރު އަޑިން ފެނިފައިވަނީ އިއްޔެއެވެ.
ސިފައިންނާއި ފުލުހުން ގުޅިގެން އިއްޔެ ހެނދުނު ކުރި ދެވަނަ ޑައިވްގައި، ގައްދުއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ އަޑިން ޑިންގީ ފެނުނު ކަމަށް އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވެއެވެ. އެހެންނަމަވެސް ޑިންގީއާއެކު ޒަކަރިއްޔާ އިްޔެ ފެނިފައެއް ނުވެއެވެ.
މުޅި އުމުރު ދަނޑުވެރިކަމުގައި ހޭދަކުރަމުން އަންނަ ޒަކަރިއްޔާ، ބުރާސްފަތި ދުވަހު ހެނދުނު 9:30 ގައި އޭނާގެ ކުޑަ ޑިންގީގައި އެކަނި ފުރީ ގައްދުއާ ޖެހިގެން އޮންނަ ގަމަށް ދިއުމަށް ކަމަށް އޭނާގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވެއެވެ. ޒަމާނުއްސުރެ ގައްދޫ މީހުން ދަނޑުވެރިކަން ކުރުމަށް ދަނީ، ކުޑަ ކަނޑުއޮޅިއެއް ހުރަސްކޮށް ދެވެން އޮންނަ ގަމަށް ގޮސްގެންނެވެ.

ފުލުހުން ބުނި ގޮތުގައި ޒަކަރިއްޔާގެ ހިލަމެއް ނުވެގެން އެ އިދާރާއަށް ރިޕޯޓު ލިބިފައިވަނީ ބުރާސްފަތި ދުވަހު ހަވީރު 17:05 ގައެވެ. އޭގެ ފަހުން ފެށިގެން ކަނޑު މަގުންނާއި ވައިގެ މަގުން އަދި ގަމާއި ގައްދޫ ވެސް ބަލައި، ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ދެމަފިރިންގެ ހަތް ދަރިން ތިބި ޒަކަރިއްޔާގެ ދަރިންގެ ތެރޭގައި ހިމެނެނީ ހަ އަންހެނުންނާއި އެއް ފިރިހެނެކެވެ. އެ ހުރިހާ ދަރިން ވެސް މިހާރު ވަނީ ބޮޑެތި ވެފައެވެ.
ރާއްޖޭގެ ގަވާއިދުތަކުން ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި އެކަނި ދަތުރުކުރުން މަނާކޮށްފައިވީ ނަމަވެސް، މަސްވެރިކަމާއި އެހެނިހެން ބޭނުންތަކަށް އެކަނި ދަތުރުކުރުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާއްމުކޮށް ކުރަމުން އަންނަ ކަމެކެވެ. އަދި މިފަދަ ދަތުރުތަކުގައި ގަވާއިދުން ލާޒިމުކުރާ ސަލާމަތީ އާލާތްތައް އުޅަނދުގައި ހުރުން ވެސް މުހިންމެވެ.

ކޮމެންޓު ފޮނުވާ