ގދ. ގައްދޫން ބުރާސްފަތި ދުވަހު ކަނޑަށް ނުކުމެ ގެއްލިފައިވާ 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ދަތުރުކުރި ޑިންގީ، ކަނޑުގެ 10 މީޓަރު އަޑިން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ސިފައިންނާއި ފުލުހުން ގުޅިގެން މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި، ގައްދުއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ އަޑިން ޑިންގީ ފެނުނު ކަމަށް އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވެއެވެ. އެހެންނަމަވެސް ޑިންގީއާއެކު ޒަކަރިއްޔާ ފެނިފައިވާ ކަމަކަށް ސިފައިން ބުނެފައެއް ނުވެއެވެ.
މުޅި އުމުރު ދަނޑުވެރިކަމުގައި ހޭދަކުރަމުން އަންނަ ޒަކަރިއްޔާ، ބުރާސްފަތި ދުވަހު ހެނދުނު 9:30 ގައި އޭނާގެ ކުޑަ ޑިންގީގައި އެކަނި ފުރީ ގައްދުއާ ޖެހިގެން އޮންނަ ގަމަށް ދިއުމަށް ކަމަށް އޭނާގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވެއެވެ. ޒަމާނުއްސުރެ ގައްދޫ މީހުން ދަނޑުވެރިކަން ކުރުމަށް ދަނީ، ކުޑަ ކަނޑުއޮޅިއެއް ހުރަސްކޮށް ދެވެން އޮންނަ ގަމަށް ގޮސްގެންނެވެ.
ފުލުހުން ބުނި ގޮތުގައި ޒަކަރިއްޔާގެ ހިލަމެއް ނުވެގެން އެ އިދާރާއަށް ރިޕޯޓު ލިބިފައިވަނީ ބުރާސްފަތި ދުވަހު ހަވީރު 17:05 ގައެވެ. އޭގެ ފަހުން ފެށިގެން ކަނޑު މަގުންނާއި ވައިގެ މަގުން އަދި ގަމާއި ގައްދޫ ވެސް ބަލައި، ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ދެމަފިރިންގެ ހަތް ދަރިން ތިބި ޒަކަރިއްޔާގެ ދަރިންގެ ތެރޭގައި ހިމެނެނީ ހަ އަންހެނުންނާއި އެއް ފިރިހެނެކެވެ. އެ ހުރިހާ ދަރިން ވެސް މިހާރު ވަނީ ބޮޑެތި ވެފައެވެ.
ރާއްޖޭގެ ގަވާއިދުތަކުން ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި އެކަނި ދަތުރުކުރުން މަނާކޮށްފައިވީ ނަމަވެސް، މަސްވެރިކަމާއި އެހެނިހެން ބޭނުންތަކަށް އެކަނި ދަތުރުކުރުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާއްމުކޮށް ކުރަމުން އަންނަ ކަމެކެވެ. އަދި މިފަދަ ދަތުރުތަކުގައި ގަވާއިދުން ލާޒިމުކުރާ ސަލާމަތީ އާލާތްތައް އުޅަނދުގައި ހުރުން ވެސް މުހިންމެވެ.
ކޮމެންޓު ފޮނުވާ