ގައްދޫއިން ފުރައިގެން ދިޔަފަހުން ގެއްލުނު ޒަކަރިއްޔާ ދުއްވި ޑިންގީގެ ނަގިލި ފެނިއްޖެ

ގައްދޫއިން ފުރައިގެން ދިޔަފަހުން ގެއްލުނު ޒަކަރިއްޔާ ދުއްވި ޑިންގީގެ ނަގިލި ފެނިއްޖެ

Author
ހުސައިން
11 ޖުލައި 2025 11:19
0

ގދ. ގައްދޫ ކައިރީގައި އޮންނަ ގަމަށް ޑިންގީގައި ދަތުރުކޮށް ގެއްލިފައިވާ ޒަކަރިއްޔާ މުހައްމަދު ދުއްވި ޑިންގީގެ ނަގިލި މިއަދު ހެނދުނު ފެނިއްޖެއެވެ.

ގައްދޫ ރައްޔިތުން މުޚާތަބްކުރާ ގޮތުން "ތުއްތުބޭ" ދުއްވި ބޮންތިގެ ނަން ދީފައިވާ 15 ހޯސްޕަވަރުގެ އައުޑްބޯޑް އިންޖީނު އަޅާފައިވާ ކުޑަ ޑިންގީގެ ނަގިލި ފެނުނީ މިއަދު ހެނދުނު 11:10 ހާއިރު، ފުލުހުންގެ ޑައިވިން ޓީމަކުން ގައްދޫއާއި ގަމާ ދެމެދުގައި އޮންނަ ތިލައަށް ޑައިވްކުރުމުންނެވެ. ގައްދޫގެ ބައެއް މީހުން ބުނާ ގޮތުގައި ބެލެވެނީ ނަގިލި ފެނުނުއިރު ނަގިލީގެ ވާ ދޫވެފައިވާތީ، ޑިންގީގައި ނުއެއްސިގެން ވާ ދޫވެފައިވާކަމަށެވެ. އަދި އެ ދުވަހަކީ ވިއްސާރަ އަދި ކަނޑުވެސް ގަދަ ދުވަހަކަށް ވުމާއެކު، ދުއްވި ޑިންގީގެ އިންޖީނު ހުއްޓިގެން، ނަގިލި އަޅަން ތުއްތުބޭ މަސައްކަތް ކޮށްފައިވާކަމަށް ބެލެވެއެވެ. އަދި ބައެއް މީހުން ބުނާ ގޮތުގައި ނަގިލި އެއްލި ވަގުތު ނަގިލީގެ ވަލަށް ވާންވެގެން ނަގިއްޔާއެެކު ތުއްތުބޭ މޫދަ ވެއްޓުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ޑިންގީ ހޯދަމުން ދަނިކޮށް ޑިންގީގެ ބައެއް ބައިތައް ކަމަށް ބެލެވޭ ބައިތަކެއް މިއަދު ގައްދޫ ކައިރީގަ އޮންނަ ގަމުންވެސް ފެނިފައިވެއެވެ.

ގައްދޫ ކޯޒީރައުންޑް، 79 އ. ގެ ޒަކަރިއްޔާ ގެއްލިފައިވަނީ ގަމަށް ދަތުރުކުރަން ފުރިފަހުންނެވެ. އޭނާ ހޯދުމުގެ މަސައްކަތް ސިފައިންގެ ކޯސްޓްގާޑާއި، ފުލުހުންނާއި، ގައްދޫ ކައުންސިލްގެ އިސްނެގުމުގެ ދަށުން އެ ރަށުގެ ރައްޔިތުން ކުރިއަށް ގެންދެއެވެ. މި މަސައްކަތުގައި އަޔާޑާ މޯލްޑިވްސްގެ ލޯންޗް ފަހަރު ވެސް ބޭނުންކޮށްފައިވެއެވެ.

ކޯސްޓްގާޑުން މިރޭ ހާމަކުރި މައުލޫމާތަށް ބަލާއިރު، ޒަކަރިއްޔާ ހޯދުމަށް ހިންގާ އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 ނޯޓިކަލް މޭލާއި ވައިގެމަގުން 3039.68 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލައި ޗެކްކޮށްފައިވާކަމަށެވެ. ސާޗް އޮޕަރޭޝަންގައި ސިފައިން މޯލްޑިވިއަންގެ ބޯޓެއް ވެސް ބޭނުންކުރަމުން ގެންދާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.