ރާއްޖެއަށް މިވަގުތު ކުރިމަތިވަމުންދާ ވިއްސާރާގައި މާލޭގައި ވައިގަދަވެ، އޯކިޑުމަގުގައި ހުރި ބޮޑު ގަހެއް މަގުމައްޗަށް ވެއްޓިއްޖެއެވެ. މި ހާދިސާގެ ސަބަބުން އެ މަގުގެ ދަތުރުފަތުރު މިވަގުތު ހުއްޓިފައިވެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރި ގޮތުގައި، އޯކިޑުމަގާއި އާބުރުޒު ހިނގުން ގުޅޭ ސަރަހައްދުގައި ވެއްޓުނު ގަހުގެ ސަބަބުން އެ ކަންމަތިން ފެށިގެން މަގު ބަންދުވެފައިވެއެވެ. މިވަގުތު ފުލުހުންގެ އިތުރުން ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ވެސް އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ވެއްޓުނު ގަހުގެ ސަބަބުން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށް ގެއްލުން ލިބިފައިވާ ކަމަށް ބެލެވޭ ނަމަވެސް، ގެއްލުމުގެ ތަފްސީލު މިވަގުތު އަދި ސާފުވެފައެއް ނުވެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި ހާލަތްތައް މެދުވެރިވަމުންދެއެވެ. އެކި ރަށްތަކުގައި ފެންބޮޑުވުމުގެ އިތުރުން ކަނޑުމަތީ ހާދިސާތައް ވެސް ރިޕޯޓުވަމުންދެއެވެ. އޭގެ ތެރޭގައި ދަތުރުކުރަމުން ދިޔަ ބޯޓެއް ރާޅުގަދަކަމުގެ ސަބަބުން އަޑިއަށްގޮސް، އެ ބޯޓުގެ ޑިންގީން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ދިޔަ ހިތާމަވެރި ހާދިސާއެއް ވެސް ހިމެނެއެވެ.
މޫސުން ގޯސްވެފައިވާތީ އާންމުންނަށް ބޭރަށް ނުކުންނަ ނަމަ ސަމާލުވުމަށާއި، ދަތުރުފަތުރު ކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ