ލިވަޕޫލް ބަލިވެ ލީގުގެ ކުރީގަ ފޯރިގަދަވެއްޖެ

ލިވަޕޫލް ބަލިވެ ލީގުގެ ކުރީގަ ފޯރިގަދަވެއްޖެ

Author
އިބްރާހީމް ސާޢިދު
05 ޖެނުއަރީ 2021 09:04
0

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސައުތުހެމްޕްޓަން އާ ވާދަކޮށް ކުޅުނު މެޗުން ލިވަޕޫލް ބަލިވެ ލީގުގެ ކުރީގައި ފޯރި ގަދަވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ލިވަޕޫލް ކުޅުނު މެޗުން އެ ޓީމު ބަލިވީ 0-1 އިންނެވެ. އަނިޔާގެ މައްސަލަތަކާ ހުރެ ޑިފެންސް ލައިންގައި ކެޕްޓަން ޖޯޑަން ހެންޑަސަން އާއި މިޑްފީލްޑަރ ފަބީނިއޯ ހިމަނައިގެން ލިވަޕޫލުން ރޭ ސައުތުހެމްޕްޓަން އާ ދެކޮޅަށް ކުޅެން ފެށި މެޗުގައި ސައުތުހެމްޕްޓަނުން ލީޑުނެގީ ދެވަނަ މިނެޓްގަ އެވެ.

ސައުތުހެމްޕްޓަނުން މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކުރިން ލިވަޕޫލަށް ކުޅެފައިވާ ޑެނީ އިންގްސް އެވެ. ލިވަޕޫލްގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ރޭގެ މެޗުގެ ފަހު ހާފުގައި އެ ޓީމުން ސައުތުހެމްޕްޓަންގެ ގޯލަށް ނުރައްކާ ކުރެވޭތޯ އިތުރަށް މަސައްކަތްކުރިތަން ފެނުނެވެ. މެޗުގެ 75 ވަނަ މިނެޓްގައި ފޯވާޑް ސަޑިއޯ މާނޭ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ފިޔަވައި އެހެން ހަމަލާއެއް ސައުތުހެމްޕްޓަންގެ ގޯލާ އަމާޒުކޮށް ލިވަޕޫލަށް ފޮނުވާލެވިފަ އެއް ނުވެ އެވެ.

ރޭގެ މެޗަކީ މި ސީޒަނުގައި ލީގުގައި ލިވަޕޫލް ބަލިވި ދެވަނަ މެޗެވެ. މީގެ އިތުރުން މިއީ ލީގުގައި މޮޅެއް ނުހޯދި ޖެހިޖެހިގެން ލިވަޕޫލަށް ފުރިހަމަކުރަން ޖެހުނު ތިންވަނަ މެޗެވެ. ރޭގެ ކުރިން ލިވަޕޫލް ލީގުގައި ކުޅުނު ދެ މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. އަނެއްކޮޅުން ރޭގެ މެޗަކީ ސައުތުހެމްޕްޓަން އަށް މޮޅެއް ނުހޯދި ލީގުގައި ޖެހިޖެހިގެން ހަތަރު މެޗު ދިއުމަށްފަހު މޮޅެއް ލިބުނު ފުރަތަމަ މެޗެވެ. މި ނަތީޖާއާއެކު އެ ޓީމު ވަނީ ޓޭބަލްގެ ހަވަނައަށް ކުރިއަށް ޖެހިލައިފަ އެވެ.

މެޗުން މޮޅާއެކު ލީގުގެ ފުރަތަމަ ދެ މެޗުން ބަލިވި ސައުތުހެމްޓަން ވަނީ ބަލިނުވެ މިހާތަނަށް ލީގުގައި 15 މެޗު ހަމަކޮށްފައެވެ. މިމެޗުން ބަލިވުމާއެކު މި ސީޒަންގައި ލިވަޕޫލް ވަނީ ދެ މެޗުން ބަލިވެ 6 މެޗުން އެއްވަރުވެފައެވެ. ލީގުގައި މިހާތަނަށް 17 މެޗު ލިވަޕޫލުން ކުޅެފައިވާ އިރު އެ ޓީމު އެއްވަނައިގައި މިވަގުތު އޮތީ 33 ޕޮއިންޓާއެކު އެވެ. ލިވަޕޫލަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށްވެސް ލިބިފައިވަނީ 33 ޕޮއިންޓެވެ. އެކަމަކު ޓޭބަލްގެ އެއްވަނަ ހޯދުމަށްޓަކައި ޔުނައިޓެޑަށް އެންމެ އަވަހަށްވެސް ފުރުސަތު ލިބޭނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ބާންލީ އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުގަ އެވެ.

މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ލިވަޕޫލްއިން ކުޅެން ޖެހޭ މެޗުގެ ކުރިން ލީގުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ޔުނައިޓެޑަށް މިހާރު ވަނީ ފަހިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.