ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު 3 ފެބްރުއަރީގެ ނިޔަލަށް އިތުރުކޮށްފި

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު 3 ފެބްރުއަރީގެ ނިޔަލަށް އިތުރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
04 ޖެނުއަރީ 2021 02:47
0

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު 3 ފެބްރުއަރީގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނުނުގެދަށުން، މުޅި ރާއްޖޭގައި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ މަރޗްމަހުގެ 12 ވަނަ ދުވަހުއެވެ. އެއީ ދުނިޔޭގައި ފެތުރެމުންއައި ކޯވިޑް-19ބަލި ރާއްޖެއިން ފެނި، ރިސޯޓަކުން މީހަކު ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ހެލްތު މިނިސްޓަރ އަހުމަދު ނަސީމު ސޮއިކުރައްވައި މިއަދު ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ މި މުއްދަތު އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ދަމަހައްޓާފައިވާކަމަށެވެ. މި ބަޔާނުގައި ވިދާޅުވީ، މުއްދަތު އިތުރުކޮށްފައިވަނީ ކޯވިޑް-19ބަލި ފެތުރުުމުގެ ނުރައްކާ އަދިވެސް ރާއްޖެއަށް އޮތުމުންކަމަށެވެ. އެގޮތުން 12މަރޗްގައި އިޢުލާންކުރި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދަމަހައްޓާފައިވަނީ ބައްޔަށް އޮތް ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާތީ ކަމަށްވެސް އެބަޔާނުގައިވެއެވެ.

އެއްމެ ފަހުން އާއްމުކުރި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދަށް ހަމަވާނެއެވެ. މި ޙާލަތު މިހާތަނަށް 10 ފަހަރެއްގެމަތިން މިވަނީ ދަމަހައްޓާފައެވެ.

އާއްމު ރޯގާއެއްގޮތަށް ފެތުރެމުން އައި ކޯވިޑް-19 ބަލި، މުޅި ދުނިޔެއަށް ފެތުރި "ޕެންޑަމިކް"އެއްގެ ގޮތުގައިވަނީ އިޢުލާންކޮށްފައެވެ. ރާއްޖެއިން ފުރަތަމަ ކޭސްތައް ފެނުނީ ރިސޯޓްތަކުން ނަމަވެސް، މާލޭ ސަރަޙައްދުން ބަލި ފެނުމާއިއެކު، މުޖުތަމަޢުގެތެރޭގައި ބަލި ފެތުރޭކަމަށްވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.