ތެލް އަވީވުގައި ގާއިމުކޮށްފައިވާ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުގެ މައި އޮފީހަށް އީރާނުން ވަވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ޚަބަރު ވަނީ އީރާނުގެ ނޫސް އޭޖެންސީ ތަސްނީމުން ކަށަވަރުކޮށްދީފައެވެ. ހަމަލާގެ ފަހުން މޮސާޑުގެ މަރުކަޒު އިމާރާތް ކައިރިން ދުން އަރަމުން ދާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ފޫޓޭޖުތައް ވަނީ ސޯޝަލް މީޑިއާގައި ފެތުރެން ފަށާފައެވެ.
މި ހަމަލާގެ ޒިންމާ ނަގާފައިވަނީ އީރާނުގެ އެންމެ ބާރުގަދަ އަސްކަރީ ޔުނިޓް ކަމަށްވާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިންނެވެ. އީރާނުގެ ސަރުކާރު ޓެލެވިޜަން ޗެނަލުން ނެރުނު ބަޔާނެއްގައި ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރުން ވަނީ މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ފުރިހަމަކުރި ކަމަށް އިއުލާންކޮށްފައެވެ.
ލިބިފައިވާ މައުލޫމާތުތައް ދައްކާ ގޮތުން އީރާނުން ވަނީ 140 އަށްވުރެ ގިނަ ޑްރޯން އިސްރާއީލުގެ ސަރަހައްދަށް ފޮނުވާލާފައެވެ. މި ޑްރޯންތަކުގެ ތެރެއިން ބައެއް ވަނީ އިސްރާއީލުގެ އެހެނިހެން އަސްކަރީ ޓާގެޓްތަކަށް ވެސް އަމާޒުކޮށްފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ. ނަމަވެސް މޮސާޑުގެ މަރުކަޒަށް ދީފައިވާ ހަމަލާއާ ބެހޭގޮތުން އިސްރާއީލުގެ ސަރުކާރުން މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
ހުކުރު ދުވަހު ފެށިގެން އިސްރާއީލާއި އީރާނާ ދެމެދުގައި ހިނގަމުންދާ ހަމަލާތަކުގެ ސިލްސިލާ ވަނީ ވަރުގަދަވެފައެވެ. ދެ ގައުމުންވެސް އަނެއް ގައުމުގެ އަސްކަރީ ބޭސްތަކާއި މުހިންމު ފެސިލިޓީތަކަށް ވަނީ ގިނަ ހަމަލާތަކެއް ދީފައެވެ. އިސްރާއީލުން ވަނީ އީރާނުގެ ދައުލަތު ޓެލެވިޜަން ސްޓޭޝަން ހިންގާ އިމާރާތަށް ވެސް ޑްރޯން ހަމަލާއެއް ދީފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
މި ހާލަތާ ގުޅިގެން މެދު އިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އިތުރުވެފައިވާއިރު، ބައިނަލްއަގްވާމީ މުޖުތަމައު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ވަނީ ދެ ގައުމަށް ވެސް ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ސަރަހައްދުގެ ހާލަތު ބަލަމުން ގެންދާ ސަލާމަތީ ބާރުތަކުން ވަނީ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.
ކޮމެންޓު ފޮނުވާ