ފޭކް ސްލިޕް ފޮނުވައިގެން ޑެލިވަރީ ކުންފުންޏަކުން ކާބޯތަކެތި ނަގާފައިވާ މައްސަލައެއްގައި ޒައިދާން މުހައްމަދު ހާޝިމް ހައްޔަރުކޮށް ކޯޓުން 15 ދުވަހަށް ބަންދުކޮށްފައިވާއިރު، އޭނާ ނަގާފައިވަނީ 9000 ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ ކާބޯތަކެތި ކަމަށް ފުޑީސް ޑެލިވަރީން ބުނެފިއެވެ.
ފުޑީސް ޑެލިވަރީގެ ފަރާތުން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދިން ގޮތުގައި، މަކަރާއި ހީލަތުގެ އެތައް މައްސަލައެއްގައި ރެކޯޑު ހުރި ޒައިދާން 30 ފަހަރަށް ކާބޯތަކެތި އޯޑަރުކޮށް، ފައިސާ ދެއްކިކަން ދައްކާ ގޮތަށް ދޮގު ޓްރާންސްފާ ސްލިޕްތައް ފޮނުވާފައިވާ ކަމަށެވެ. ކޮންމެ ފަހަރަކު ވެސް 400 ރުފިޔާއާ ގާތްގަނޑަކަށް އަގުހުރި ކާބޯތަކެތި އޯޑަރުކޮށްފައިވާ ކަމަށް އޮފިޝަލް ބުންޏެވެ.
ފުޑީސްގެ އެކައުންޓްސް ޓީމުން ޓްރާންސްފާ ސްލިޕްތައް ޗެކްކުރަމުންދާއިރު މި ދޮގު ސްލިޕްތައް ފާހަގަވެފައިވާ ކަމަށާއި، އެއީ އެމްއައިބީގެ ސްލިޕްތަކުގައި މައްސަލަތަކެއް ހުރިކަން އެނގުނު ކަމަށް އޮފިޝަލް ބުންޏެވެ. ޒައިދާން ހުށަހެޅި ދޮގު ސްލިޕްތަކުގައި ހުސެއިން ނާޒިމް ނަމުގައިވާ މީހެއްގެ އެކައުންޓުން ފުޑީސް އަށް ފައިސާ ޓްރާންސްފާކޮށްފައިވާ ކަމަށް ދައްކުވައިދީފައިވެއެވެ.
ޒައިދާންގެ ކުރީގެ ރެކޯޑަށް ބަލާއިރު، 2022 ވަނަ އަހަރު ފޭކު ކުންފުންޏެއްގެ ނަމުގައި ވިޔަފާރިކުރަން ބުނެ މީހުންގެ އަތުން ފައިސާ ނެގި މައްސަލައެއްގައި ހައްޔަރުކުރިއެވެ. އޭގެފަހުން ހީލަތުގެ އިތުރު މައްސަލަތަކުގައި ތުހުމަތުވެ، އޭނާ ހޯދުމަށް ފުލުހުން އިޢުލާނު ވެސް ކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ