އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގާއިމްކުރާ ސެންޓްރަލް ޕަވާ ސްޓޭޝަންގެ އަމަލީ މަސައްކަތް ރަމަޟާން މަހަށްފަހު ފެށޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނަޖާހް ވިދާޅުވީ، މި މަޝްރޫއު ހަވާލުކޮށްފައިވާ ދުބާއީގެ ޑެފިނިޓް ސޮލިއުޝަންސް ކުންފުނިން، ރަމަޟާން މަސް ނިމުމާ އެކު ގްރައުންޑްގައި މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަމަލީ މަސައްކަތްތައް 2027 ވަނަ އަހަރުގެ ޖުލައި ނިޔަލަށް ނިންމޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ސްޓޭޝަންގައި ބެހެއްޓުމަށް ހަމަ ޖެހިފައިވަނީ ބެލްޖިއަމްގެ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ) ގެ ލޯ-ސްޕީޑް އިންޖީނުތަކެވެ. މިހާރު ބޭނުންކުރާ ހައި-ސްޕީޑް އިންޖީނުތަކާ ހިލާފަށް، ގިނަ ވަގުތު ހިންގުމަށް ފަރުމާ ކުރެވިފައިވާ މި އިންޖީނުތައް ޔޫރަޕްގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެ އެވެ. މަޝްރޫއު ނިމޭ އިރު، ސްޓޭޝަންގެ ޖުމްލަ ކެޕޭސިޓީ 26.37 މެގަވޯޓަށް އަރާނެ ކަމަށް ނަޖާހް ވިދާޅުވި އެވެ.
ފެނަކައިން ކުރިއަށްގެންދާ ބޮޑެތި މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން ނަޖާހް ވިދާޅުވީ، ބ. ކެންދޫ ޕަވާ ހައުސް މިމަހު ހުޅުވާ، ށ. މާއުނގޫދޫ އަދި ގދ. ފިޔޯރީ ޕަވާ ހައުސް ވެސް ރަސްމީކޮށް ހުޅުވިފައި ނެތަސް ހިދުމަތް ދެމުންދާ ކަމަށެވެ. އަދި މި އަހަރު ތެރޭ އިތުރު 30 ޕަވާ ހައުސްގެ މަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ