ގަލްފުގެ އަރަބި ގައުމުތަކާއި އުރުދުންއަށް އީރާނުން ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.
ބަހްރައިން ހުށަހެޅި މި ގަރާރު ފާސްވީ ސަލާމަތީ މަޖިލީހުގެ 15 ގައުމުގެ ތެރެއިން 13 ގައުމުގެ ވޯޓުންނެވެ. ގަރާރަށް ތާއީދުކުރި ގައުމުތަކުގެ ތެރޭގައި ކުވައިތު، ގަތަރު، ޔޫއޭއީ، ސައޫދީ އަރަބިޔާ، އަދި އުރުދުން ހިމެނެ އެވެ. ރަޝިއާ އާއި ޗައިނާ ވޯޓު ދިނުމުން ދުރުހެލިވީ، ގަރާރުގައި ހަމައެކަނި އީރާންގެ ހަރަކާތްތައް ކުށްވެރިކޮށްފައިވާއިރު، ޣައްޒާގައި ހިނގަމުންދާ ހާދިސާތަކާ ގުޅިގެން އެމެރިކާ އާއި އިސްރާއީލުން ހިންގާ ކަންތައްތަކަށް ގަރާރުގައި އިޝާރާތްވެސް ކޮށްފައި ނެތުމުންނެވެ.
ގަތަރުގެ މަންދޫބާ އައްޝައިޚާ އަލްޔާ އާލު ޘާނީ ވިދާޅުވީ، ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށެވެ. ސައޫދީ އަރަބިޔާ ގެ މަންދޫބު، އީރާނަކީ އަވަށްޓެރި ގައުމުތަކަށް ހަމަލާދޭ ގައުމެއް ކަމަށް ސިފަކުރެއްވި އިރު، ޔޫއޭއީ ގެ މަންދޫބު ވިދާޅުވީ ގަލްފުގެ ގައުމުތަކަށް އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އެމެރިކާ ގެ މަންދޫބު ވަނީ މި ގަރާރު، އީރާނުގެ ހަރުކަށިކަމާ ދެކޮޅަށް ދެވޭ ވަރުގަދަ މެސެޖެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އީރާނުގެ މަންދޫބު ވިދާޅުވީ، ގަލްފުގެ ގައުމުތަކަށް ހަމަލާ ނުދޭ ކަމަށާއި، ހަމަލާ ދެނީ އެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާ ގެ އަސްކަރީ ބޭސްތަކަށް ކަމަށެވެ. ގަލްފުގެ ބޭސްތައް، އިސްރާއީލާ ގުޅިގެން ހިންގާ ހަނގުރާމަވެރި ހަރަކާތްތަކަށް ބޭނުންކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. “ބޭއިންސާފުން ކުރާ ކަމެއް ކާމިޔާބު ނުވާނެ” ކަމަށް ވިދާޅުވެ، ރައްދު ހަމަލާތައް ހުއްޓާ ނުލައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ