މާލެ، 21 މެއި 2025 – މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ހާމަކުރިގޮތުގައި ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރުފައިސާގެ އަދަދު 60% އިން 90% އަށް އިތުރުކުރަން ނިންމައިފިއެވެ. މި ބަދަލު 1 ޖޫން 2025 އިން ފެށިގެން އަމަލީ ސިފަ އަންނާނެއެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން ވަކި އިންސައްތައެއް އެމްއެމްއޭއަށް ވިއްކުމަކީ ބޭންކުތަކަށް ލާޒިމްކުރާ ކަމެކެވެ.
"މި ބަދަލު ގެނައުމުގެ މަޤްޞަދަކީ އެމްއެމްއޭއިން ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ލިބޭނެ މަގު ތަނަވަސްކުރުމެވެ،" އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ދިވެހިރާއްޖޭގައި ޑޮލަރުގެ ދަތިކަން ޙައްލުކުރުމަށްޓަކައި މިދާދި ފަހުން ފާސްކުރެވުނު ޤާނޫނެއްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން ލިބޭ ބޭރުފައިސާގެ ވަކި ނިސްބަތެއް ދިވެހިރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަކީ މިހާރު ލާޒިމްކަމެކެވެ. މި ޤާނޫނުގެ ދަށުން، މިދިޔަ މާޗް މަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާއިން 150 މިލިއަނަށްވުރެ ގިނަ ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަން އެމްއެމްއޭގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
ޑޮލަރުގެ ދަތިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރު ކުޑަކުރުމަށް އެމްއެމްއޭއިން އަޅަމުންގެންދާ ފިޔަވަޅުތަކުގެ ތެރެއިން މި ބަދަލަކީވެސް އެއް ފިޔަވަޅުކަމަށް އިޤްތިޞާދީ މާހިރުން ދެކެއެވެ.
ކޮމެންޓު ފޮނުވާ