ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ފެމިލީ ކާނިވަލެއް ބޭއްވުމަށް ނިންމައިފި

ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ފެމިލީ ކާނިވަލެއް ބޭއްވުމަށް ނިންމައިފި

Author
ޙަސަން މުޙައްމަދު
08 މެއި 2025 07:57
0

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، އެޗްޑީސީއާއި ފެމިލީ ޑިވޮލަޕްމަންޓް މިނިސްޓްރީ ގުޅިގެން ފެމިލީ ކާނިވަލެއް ބޭއްވުމަށް ނިންމައިފިއެވެ. އެޗްޑީސީގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭ ހިޔާ ޕާކުގައެވެ.

މި ކާނިވަލުގައި ކުޑަކުދިންނަށް ޚާއްޞަކޮށް ރޮބޯމޭންގެ ހުށަހެޅުމެއް އޮންނާނެ ކަމަށާއި، މީގެ އިތުރުން އެކި ކަހަލަ ގޭމް ސްޓޯލްތަކާއި އިންފްލޭޓަބަލް ކާނިވާ ގޭމްސް ބެހެއްޓިފައި ހުންނާނެ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ. އަދި މި ކާނިވަލުގައި ޢާއިލާ އެންމެންނަށް ޑިވައިސްތަކުން 360° ފޮޓޯއާއި ވީޑިއޯ ނެގޭނެ ޚާއްޞަ ބޫތެއް ބެހެއްޓިފައި ހުންނާނެއެވެ. ހަމައެއާއެކު، ހިލޭ ޑެންޓަލް ޗެކަޕް ހެދުމުގެ ފުރުޞަތުވެސް ހުރިހާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

ކުޑަކުދިންނާއި ބޮޑެތި މީހުންގެ މުނިފޫހިފިލުވުމަށް ރޮބޯމޭން ޕާފޯމެންސް، އެކްޓިވިޓީ ސްޓޯލްތަކާއި، ގޭމް ސްޓޯލްތައް، އިންފްލޭޓަބަލް ކާނިވާ ގޭމްސް، ފޮޓޯ އަދި ވީޑިއޯ ބޫތު، ފޯމް ޕާޓީ، ފަޔާ ވެހިކަލްއާއި ޓްރެފިކް ޕާކްގެ އިތުރުން ޑެންޓަލް ޗެކަޕްގެ ޚިދުމަތް މި ކާނިވަލުގައި ލިބެން ހުންނާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި ކާނިވަލް ކުރިއަށްގެންދެވެނީ އައިލެންޑް ބެވަރޭޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އުރީދޫ މޯލްޑިވްސްގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައެވެ. އުރީދޫގެ ފަރާތުން ފޯމް ޕާޓީއެއް ކުރިއަށްގެންދާނެ ކަމަށާއި އައިލެންޑް ބެވަރޭޖެސްގެ ފަރާތުން ވަރަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށްވެސް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.

ކާނިވަލް ކުރިއަށްގެންދިޔުމުގައި ފުލުހުން، އެމްއެންޑީއެފް، އެޗްޕީއޭ، ޓްރީޓޮޕް ހޮސްޕިޓަލް، ތެލެސީމިއާ ސޮސައިޓީ، މޯލްޑިވްސް އިސްލާމިކް ބޭންކް، މަމްސް އެންޖީއޯ، ކިޑްސް ޒޯން، ޑޫ ގުޑް އެންޖީއޯގެ އިތުރުން އެޗްއާރުސީއެމް ބައިވެރިވާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

މި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކަކާއެކު ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށްވެސް އެޗްޑީސީން ވަނީ ނިންމައިފައެވެ. މި ފެސްޓިވަލް 10 ވަނަ ދުވަހުން ފެށިގެން ހަފުތާއަކަށް ދިގުދެމިގެންދާނެ ކަމަށާއި، ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.