މުޒާހިރާއިން ހައްޔަރުކުރި ދެ ޒުވާނުން ތިން ދުވަހަށް ބަންދު ކޮށްފި

މުޒާހިރާއިން ހައްޔަރުކުރި ދެ ޒުވާނުން ތިން ދުވަހަށް ބަންދު ކޮށްފި

Author
ހުސެއިން
02 މެއި 2025 08:14
0

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރިއަށްގެންދިޔަ މުޒާހަރާތަކުގެ ތެރެއިން ރޭ ހައްޔަރުކުރެވުނު ދެ ޒުވާނުންނަށް ކްރިމިނަލް ކޯޓުން މިއަދު ތިން ދުވަހުގެ ބަންދު މުއްދަތެއް ކަނޑައަޅައިފިއެވެ.

މުޒާހަރާ ރޫޅާލުމާ ގުޅިގެން ހައްޔަރުކުރެވުނު ދެ ފަރާތަކީ އައިޝަތު ޝިމާން އަޙްމަދާއި މި ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޢަބްދުﷲ މަހުޒޫމް މާޖިދެވެ. މިއަދު ބޭއްވުނު ކޯޓު އަޑުއެހުމުގައި ފުލުހުން އެދިފައިވަނީ މި ދެ ފަރާތް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށެވެ.

ޝިމާނާއި މަހުޒޫމްގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައިވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށެވެ. އޭގެ އިތުރުން، މަހުޒޫމްގެ މައްޗަށް ފުލުހަކަށް ހަމަލާދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުވެސް ކުރެވެއެވެ. ނަމަވެސް މި ތުހުމަތުތައް ސާބިތުކުރުމަށް ފުލުހުން އެއްވެސް ވީޑިއޯ ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ހަމައެކަނި ފުލުހުންގެ ބަޔާންތަކެވެ. ގާޒީ އިބްރާހިމް ޒިހުނީ މި ދެ ފަރާތް ބަންދުކުރުމަށް ނިންމެވީ މި ބަޔާންތަކަށް ބެލުމަށްފަހުއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ވަގުތު މާލޭގައި ހުރި އުސް އިމާރާތަކުން ވެއްޓުނު ޔުމްނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުންތަކެއް ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދެއެވެ. ރޭ ބޭއްވުނު އެއްވުން ރޫޅާލާފައިވަނީ ކިޔަވާކުދިންގެ ތަޢުލީމީ މަޞްލަޙަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިޢާޔަތްކޮށްކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ.

މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާއިރު، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ބައެއް ބައިވެރިންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހާފައިވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ. ޔުމްނުގެ މައްސަލާގައި އިންސާފުގެ ދޮރުތައް ހުޅުވާލުމަށް ގޮވާލައި ޒުވާނުން ވަނީ މީގެ ކުރިންވެސް ގިނަ މުޒާހަރާތަކެއް ކޮށްފައެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.