ޔުމްނު އިތުރު ފަރުވާއަށް މެލޭޝިޔާއަށް ފުރުވާލައިފި

ޔުމްނު އިތުރު ފަރުވާއަށް މެލޭޝިޔާއަށް ފުރުވާލައިފި

Author
ހުސައިން
27 އޭޕްރިލް 2025 08:01
0

މިމަހުގެ 18 ވަނަ ދުވަހު މާލޭގެ ހ. ފެންޓެނޯއީ ގެއިން ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދު (21) އިތުރު ފަރުވާ ހޯދުމަށް އޭނާގެ އާއިލާއާއެކު މެލޭޝިޔާއަށް ފުރައިފިއެވެ.

ޔުމްނު މެލޭޝިޔާއަށް ފުރީ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައި، ސަރުކާރުން ހަމަޖައްސައިދިން 385،500 ރުފިޔާއާއި އާންމުން ހަދިޔާކުރި 650,000 ރުފިޔާއަށްވުރެ ގިނަ ފައިސާއާ އެކުގައެވެ.

ފަތިސް ވަގުތު، މާލޭގެ އިމާރާތަކުން ވެއްޓި، ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޔުމްނުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. މިހާތަނަށް ކުރެވިފައިވާ ތަހުގީގުތަކުން އެއްވެސް މީހަކު އޭނާ ވައްޓާލިކަން ހިނގާފައި ނުވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން، ހާދިސާ ހިނގިރޭ ޔުމްނުއާއެކު އުޅުނު 9 މީހުންގެ ޕާސްޕޯޓްތަކާއި މޮބައިލް ފޯނުތައް ފުލުހުން ވަނީ ހިފަހައްޓާފައެވެ. އަދި ޔުމްނުއާއެކު އެވަގުތު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21) ވަނީ ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޔުމްނު ވެއްޓުމުގެ ކުރިން އެރޭ ރައުދުއާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށާއި، ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން، ޔުމްނު ކޮބައިތޯ ސުވާލުކުރުމުން، ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވެއެވެ.

ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނުއިރު، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ބެލެވޭ ކަމަށާއި، ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.