މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދުގެ ފަރުވާގެ ޚަރަދު ފުރިހަމައަށް ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވަނިކޮށް، ފަހުން ސަރުކާރުން އެކަމަށް ދެކޮޅުހަދާފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އެހެންނަމަވެސް، ދިވެހި ރައްޔިތުން ދައްކާލި އެއްބައިވަންތަކަމާއެކު ހަމައެކަނި ދޮޅު ގަޑިއިރެއްހާ ވަގުތުގެ ތެރޭގައި ފަރުވާއަށް ބޭނުންވާ ފައިސާގެ އަދަދު ހަމަކުރެވުނެވެ.
ޔުމްނުގެ ފަރުވާއަށް އިތުރު ފަރުވާތަކަށް 57,000 އަށްވުރެ ގިނަ ޑޮލަރު (878,940 ދިވެހި ރުފިޔާ) ބޭނުންވާކަމަށް އާއިލާއިން މަޢުލޫމާތު ދީފައިވެއެވެ. މިހާރު ޔުމްނުވަނީ ފަރުވާ ހޯދުމަށް މެލޭޝިޔާއަށް ފުރާފައެވެ.
ހުކުރު ދުވަހު އާއިލާއިން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމުގައި ބުނެފައިވަނީ، ފަރުވާގެ ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް މިއަދު ކުއްލިއަކަށް ސަރުކާރުން ބުނެފައިވަނީ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ގޮތަށް ނިޒާމު ހަމަޖެހިފައި ނުވާ ކަމަށެވެ.
މިކަމާ ގުޅިގެން މީސްމީޑިއާގައި އެކިއެކި ފަންޑްރައިޒިންގ ޕްރޮގްރާމްތައް ހިންގައިގެން ދިވެހިން ޔުމްނުއަށް އެހީތެރިވެފައިވެއެވެ. މީގެ ތެރޭގައި މަޝްހޫރު ޓިކްޓޮކަރ ޝެހެނާޒްގެ ލައިވް މެދުވެރިކޮށް 650,000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދާފައިވާއިރު، އެކްސް ޕްލެޓްފޯމުގައި "ހަސަން ކުރުސީ" އެކައުންޓުން ކުރި ޕޯސްޓާ ގުޅިގެން އެތައް ލައްކަ ރުފިޔާއެއްގެ އެހީ ޔުމްނުއަށް ލިބިފައިވެއެވެ.
މެލޭޝިޔާގެ ޕަންޓާއީ ހޮސްޕިޓަލުން ދީފައިވާ ލިޔުމުގައިވާ ގޮތުން، ފުރަތަމަ ސާޖަރީތަކަށް އެކަނިވެސް 57,000 އަށްވުރެ ގިނަ ޑޮލަރު ޚަރަދުވާނެ ކަމަށާއި، ޔުމްނު އެޑްމިޓް ކުރެވޭނީ 45,724 ޑޮލަރު (705,064 ދިވެހި ރުފިޔާ) ދެއްކުމުން ކަމަށް ބުނެފައިވާއިރު، ސަރުކާރުން ފައިސާ ޖަމާކުރިއިރު ލިބިފައިވަނީ 385,500 ރުފިޔާ (25،000 ޑޮލަރު) ކަމަށް އާއިލާއިން މަޢުލޫމާތު ދީފައިވެއެވެ.
ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ކޮންމެވެސް ގޮތަކުން ގުޅުންހުރި 8 މީހަކު ފުލުހުންވަނީ ދެނެގަނެފައެވެ. މީގެތެރޭގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރުގެ އާއިލީ މެންބަރުން ހިމެނޭއިރު، މި ހާދިސާ ހިނގުމުގެ ކުރިން އެ މީހުން "ޕާޓީ" ކޮށްފައިވަނީ ވަޒީރު އަމީންގެ ގެކޮޅުގައި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން މާލޭގައި ޒުވާނުން އިސްވެ މުޒާހަރާތައް ކުރަމުންދާއިރު، ދާޚިލީ ވަޒީރު އަލީ އިޙްސާނާއި ވަޒީރު އަމީންގެ އިސްތިއުފާއަށް ގޮވާލަމުންދެއެވެ. އަދި ޕޮލިސް ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި އަލީ ޝުޖާއުގެ އިސްތިއުފާއަށްވެސް ގޮވާލުމަށްފަހު، ޝުޖާއު ވަނީ ހޮނިހިރު ދުވަހުގެ ރޭ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
ޔުމްނުއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް، ޔުމްނުގެ ދައްތަ ނަތާޝާ އަޙްމަދުގެ އެކައުންޓްތަކުގެ ނަންބަރު ހާމަކޮށްފައިވެއެވެ. ދިވެހި ރުފިޔާ އެކައުންޓް: 7703230747101، ޑޮލަރު އެކައުންޓް: 7730000198158
ކޮމެންޓު ފޮނުވާ