ޔުމްނުއަށް އިންސާފު ހޯދުމަށް ގޮވާލާ ޕެޓިޝަނެއްގައި 6300 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި

ޔުމްނުއަށް އިންސާފު ހޯދުމަށް ގޮވާލާ ޕެޓިޝަނެއްގައި 6300 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި

ގުޅުންހުރި

އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅުން ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށާއި، މި މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގުމަށް އެދި ޕެޓިޝަނެއްގައި ސޮއިކުރުން މިހާރުވަނީ ފެށިފައެވެ. އިއްޔެ ފެށުނު މި ޕެޓިޝަނުގައި މިހާތަނަށް 6300 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެއެވެ.

ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް ހުރެއެވެ. އެންމެ ފުރަތަމަ މިއީ އެކްސިޑެންޓެއް ކަމުގައި ބުނެފައިވީ ނަމަވެސް، މިހާރު މި މައްސަލައިގައި އިހުމާލުތަކެއްވާކަމުގެ ހެކިތައް ފެންނަން ހުރި ކަމަށް ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ. އަދި ކަމާ ގުޅުންހުރި ފަރާތްތަކުން މި މައްސަލަ ތަހުގީގުކުރުމުގައި ނާކާމިޔާބުވެފައިވާކަމަށާއި، މައްސަލައިގެ ހަގީގަތް ސިއްރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވެސް ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

ޕެޓިޝަނުގައި ތުހުމަތުކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ސަރުކާރުގެ ބާރުގަދަ ފަރާތްތަކެއް ޝާމިލުވާ ކަމަށާއި، މި ފަރާތްތަކުން މައްސަލައިގެ ހަގީގަތް ފޮރުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

މިވަގުތު ޔުމްނު ވަނީ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. އޭނާއަށް ވާހަކަ ނުދެއްކޭ ކަމަށާއި، ސިކުނޑިއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ. އޭނާ ވެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކުން މި ކަމުގެ ހަގީގަތް ހާމަނުވާގޮތަށް އޭނާއަށް "ގެއްލުމެއް" ދިނުމަށް މަސައްކަތްކޮށްފާނެކަމުގެ ބިރު ބޮޑުވެފައިވާ ކަމަށްވެސް ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓްތަކުން ދައްކާގޮތުގައި ހޮސްޕިޓަލުގައި ޔުމްނުގެ ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް ހުރި ކަމަށާއި، އޭނާގެ އާއިލާއަށް ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ސަޕޯޓް ދިނުމަށް އިންކާރުކުރަމުންދާކަން ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

މި ޕެޓިޝަނުގައި އދ. އިން މި މައްސަލަ މިނިވަން ގޮތެއްގައި ތަހުގީގުކޮށްދިނުމަށް ގޮވާލާފައިވެއެވެ. އަދި ސީސީޓީވީ ފޫޓޭޖްތަކާއި، ހޮސްޕިޓަލުގައި ޔުމްނުއަށް ފަރުވާދިނުމުގައި އަމަލުކުރަމުންދާ ގޮތް ބެލުމުގެ އިތުރުން، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ޖަމިއްޔާތަކުން މި ހާލަތު މޮނިޓަރކޮށް، އިންސާފު ހޯދައިދިނުމަށް ބާރުއެޅުމަށްވެސް ގޮވާލާފައިވެއެވެ. މީގެއިތުރުން، މި މައްސަލައިގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއް އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް ޕެޓިޝަނުގައި ގޮވާލާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ