ޔުމްނުގެ ބޭސްފަރުވާއަށް ސަރުކާރުން ހުރިހާ ޚަރަދެއް ހަމަޖައްސައިދީފި

ޔުމްނުގެ ބޭސްފަރުވާއަށް ސަރުކާރުން ހުރިހާ ޚަރަދެއް ހަމަޖައްސައިދީފި

Author
ހުސައިން
26 އޭޕްރިލް 2025 08:03
0

ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާއިން މިދިޔަ ހުކުރު ދުވަހުގެ ފަތިހު ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ގ. ރަނައުރާގޭ ހައްވާ ޔުމްނު ރަޝީދު (21 އ) މެލޭޝިޔާއަށް ގެންގޮސް ފަރުވާ ދިނުމުގެ ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖައްސައިދޭން ނިންމައިފިއެވެ.

މިކަން މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ޔުމްނުގެ ޢާއިލާއިން މިކަމުގައި ވާހަކަދެއްކުމަށް ހުއްދަ ދީފައިވާ، ޔުމްނުގެ އެއްބަނޑުއެއްބަފާ ދައްތަގެ ފިރިމީހާ މުޙައްމަދު މުއުމިން ވިދާޅުވީ، ޔުމްނުއަށް ފަރުވާ ދިނުމަށް މެލޭޝިޔާއަށް ގެންދިއުމާއި އެޤައުމުގައި ބޭސްފަރުވާ ކުރުމަށް ހިނގާނެ ހުރިހާ ޚަރަދެއް އެންސްޕާ މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އިންތިޒާމުތައް މިވަގުތު ހަމަޖެހިފައިވާ ގޮތުން، އަންނަ އާދީއްތަ ދުވަހު ސްރީލަންކަން އެއަރލައިންގެ ބޯޓެއްގައި ޔުމްނު މެލޭޝިޔާއަށް ގެންދިއުމަށް މިހާރު އޭނާއަށް ފަރުވާ ދެމުންދާ އައިޖީއެމްއެޗްގެ ޑޮކްޓަރުން ހުއްދަ ދީފައިވެއެވެ. ނަމަވެސް، އޭގެ ކުރިންވެސް ފްލައިޓެއް ޗާޓަރުކޮށްގެން ޔުމްނު މެލޭޝިޔާއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާ ކަމަށް ޢާއިލާއިން ބުނެފައިވެއެވެ.

މިވަގުތު ޔުމްނުގެ ޞިއްޙީ ޙާލަތާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ދޭން ޢާއިލާއިން ބޭނުންވެފައެއް ނުވެއެވެ. ނަމަވެސް އެންމެންގެ ހެޔޮ ދުޢާއަށް ޢާއިލާއިން އެދިފައިވެއެވެ.

ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާއިން ޖެހިގެން ހުރި ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅުމައްޗަށެވެ. މިހާދިސާ ހިނގުމުގެ ކުރިން، ޔުމްނުއާއި އޭނާގެ އެކުވެރިޔާ ގ. އެރިޔަދޫ ރައުދު އަޙްމަދު ޒިލާލް (21 އ) އާއި އިތުރު ހަތް މީހަކު ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 12:00 އާއި 12:30 ގެ ދެމެދު މއ. މާންދޫގޭދެކުނު ގެއަށް ވަދެފައިވެއެވެ. އޭގެފަހުން ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ފެންޓެނޯއީގެއަށް ވަނުމަށްފަހު މިހާދިސާ ހިނގާފައިވެއެވެ.

ޙާދިސާއާ ގުޅިގެން އެ ގުރޫޕުގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފައިވާއިރު، ރައުދު ހައްޔަރުކޮށް އޭނާގެ ބަންދަށް ކޯޓުން މިއަދު ފަސް ދުވަސް ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.