ޒުވާނުންގެ މުޒާހިރާގެ ބައިވެރިން ސަރުކާރަށް 9 ޑިމާންޑެއް ކޮށްފި

ޒުވާނުންގެ މުޒާހިރާގެ ބައިވެރިން ސަރުކާރަށް 9 ޑިމާންޑެއް ކޮށްފި

Author
ހުސައިން
26 އޭޕްރިލް 2025 07:56
0

މި މަހުގެ 18 ވީ ހުކުރު ދުވަހުގެ ފަތިހު ހެންވޭރުގައި ހުރި އުސް އިމާރާތަކުން ހ. ފެންޓެނޯއީ ގޭގައި ދިރިއުޅުއްވާ 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިންވެގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެން ފެށުނު މުޒާހަރާތައް ތިންވަނަ ދުވަހަށް ވެސް ކުރިޔަށް ގެންގޮސްފިއެވެ.

އެގޮތުން ރޭގެ މުޒާހަރާގައިވެސް ގިނަ އަދަދެއްގެ ޒުވާނުންނާއި އާންމުން ބައިވެރިވެފައި ވެއެވެ. މި ގޮތުން ހާދިސާގެ ތަހުގީގަށް ހިތްހަމަނުޖެހިގެން ކުރިއަށްދާ މުޒާހަރާތައް ދަނީ ރެޔަކަށްވުރެ ރެއެއް ވަރުގަދަވަމުންކަން ފާހަގަކޮށްލެވެއެވެ. މި ހާދިސާއާ ގުޅިގެން މުޒާހަރާކުރާ ފަރާތްތަކުން ރޭވަނީ ސަރުކާރަށް 9 ޑިމާންޑެއް ހުށަހަޅާފައެވެ.

ޒުވާނުން ގޮވާލާފައިވަނީ މި ހާދިސާއާ ގުޅިގެން ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުމަށާއި، ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށެވެ. އަދި ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުމަށާއި، ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުމަށް ވެސް ގޮވާލައެވެ.

މީގެ އިތުރުން ތަހުގީގާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ދެވުނު ކަމަށް ފުލުހުން މަޢާފަށް އެދުމަށާއި، ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުމަށް ވެސް ގޮވާލައެވެ. އަދި މުޒާހަރާގައި ބައިވެރިވި ޒުވާނުން ގޮވާލާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާޢު އާއި ޓްރާންސްޕޯޓު މިނިސްޓަރު އަމީން އަދި ހޯމް މިނިސްޓަރު ޢަލީ އިޙްސާން އިސްތިޢުފާ ދިނުމަށެވެ.

ޒުވާނުންގެ މުޒާހިރާގައި ސަރުކާރަށް ކޮށްފައިވާ ޑިމާންޑުތަކަކީ؛

  1. ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން
  2. މިކަމުގެ ތުހުމަތު ކުރެވޭ އެންމެ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން
  3. ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން
  4. ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން
  5. ތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން
  6. ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން
  7. ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދިނުން
  8. ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުން
  9. ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން

މި ހާދިސާއާ ގުޅިގެން ސަރުކާރުން އެއްވެސް ބަޔާނެއް ނެރެފައިނުވާއިރު، ރެއަކަށްވުރެ ރެއެއް މުޒާހަރާތައް ބޮޑުވަމުންދާތީ ސަލާމަތީ ބާރުތަކުން ވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.