ހައްވާ ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުނު ހާދިސާގައި އިތުރު މީހެއްގެ ބައިވެރިވުން ނެތް ކަމަށް ފުލުހުން ކުރިން ބުނަމުން އައި ނަމަވެސް، އެ ހާދިސާގައި ރައުދު އަހްމަދު ޒިލާލްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް މިހާރު ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތައް ކުރީ ރައުދު ހައްޔަރުކުރުމަށް ފުލުހުން ކޯޓަށް ހުށަހެޅި ލިޔުންތަކުގައެވެ.
ކޯޓު އަމުރަކަށް އެދުނު އިރު، ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރުމުގެ އިތުރުން، އެ ހާދިސާ ހިނގިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި ޖިންސީ ބޭނުން ހިފުމުގެ ކުށަށް އަރައިގަތް ކަމަށްވެސް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މއ. މާންދޫގެ ދެކުނުގެ ޓެރެސްއާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފުލޯ ބަލައި ފާސްކޮށްފައެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ރައުދު ހައްޔަރުކޮށް ކުށުގެ އަމަލުތައް ހިންގި ކަމަށް ބެލެވޭ ތަންތަން ފާސްކޮށްފައިވަނީ ހާދިސާ ހިނގިތާ ހަދުވަސް ފަހުން އިއްޔެއެވެ. މި ކަމަކީ މިފަދަ ބޮޑެތި މައްސަލަތަކުގައި މީގެ ކުރިން ފުލުހުން އަމަލުކުރަމުން އައި އާންމު އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ފެންޓެނޯއީގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަޙުޤީޤުގައި މިހާރު ވަނީ ޔުމްނުއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައެވެ.
ކޮމެންޓު ފޮނުވާ