ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެމްބަރުކަމަށް މިއަދު އިބްރާހިމް ތައާމު މުހައްމަދު އައްޔަން ކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު ކުރި ޓްވީޓެއްގައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ އިބްރާހިމް ތައާމު މުހައްމަދު އެޗްޑީސީ ބޯޑަށް އައްޔަންކުރުމާއެކު، ކުރިން މި މަޤާމުގައި ހުންނެވި މުހައްމަދު ވަހީދު މި މަހުގެ 6 ވަނަ ދުވަހު ވަނީ ވަކިކުރެވިފައެވެ.
މިހާރު އެޗްޑީސީގެ ބޯޑުގައި ޖުމްލަ 9 ޑިރެކްޓަރުން ހިމެނެއެވެ. އިބްރާހިމް ތައާމު އެޗްޑީސީގެ ބޯޑަށް އައްޔަންކުރުމުން، ކުންފުނީގެ ހިންގުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.