ހުޅުމާލެ ރަން: މައި ޕާޓްނަރަކަށް އެޗުޑީސީ

ހުޅުމާލެ ރަން: މައި ޕާޓްނަރަކަށް އެޗުޑީސީ

ގުޅުންހުރި

ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ "ހުޅުމާލެ ރަން" ގެ މައި ޕާޓްނަރަކަށް އެޗުޑީސީ ހަމަޖައްސައި، އިއްޔެ ދެފަރާތުގެ މެދުގައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެލީޓް ރަނާސް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ މި ރޭސްތައް ކުރިއަށްދާނީ 4 ޖުލައި ވާ ހުކުރުދުވަހު ހެނދުނުގައެވެ. މި ރޭހުގައި 10 ކިލޯމީޓަރާއި 5 ކިލޯމީޓަރު އަދި އެއް މޭލުގެ ދުވުން ހިމެނެއެވެ.

އެޗުޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެލީޓް ރަނާސްގެ އެއް ބާނީ އަދި ދިގު ދުވުންތެރިޔާ އަހުމަދު ޝަރަފް ވިދާޅުވީ މި ރޭހުގެ މައި ޕާޓްނަރަކަށް އެޗުޑީސީ ވުމަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"އެޗުޑީސީ ކަހަލަ ބޮޑު ކުންފުންޏަކުން މިގޮތަށް އިސްނެގުމަކީ ވަރަށް ބޮޑު ކުރިއެރުމެއް. ވަރަށް ގިނަ ކަންކަމަށް ލުއިފަސޭހަތަކެއް ލިބޭނެ" ކަމަށް ޝަރަފް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި ރޭހަށް 'ހުޅުމާލެ ރަން' ކިޔުމަކީ ރޭހުގެ ކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވާން އެޗުޑީސީއަށް ވެސް ފުރުޞަތު ހުޅުވޭ ސަބަބެއް ކަމަށެވެ. މިކަމުގެ ސަބަބުން އެޗުޑީސީގެ އެހީތެރިކަން ލިބުމުން ރޭސް ކާމިޔާބު ހަރަކާތަކަށް ހެދުމަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެޗުޑީސީގެ ވެސް، އަޅުގަނޑުމެންގެ ވެސް އަމާޒަކީ ކޮންމެ އަހަރަކު ބާއްވާ ކާމިޔާބު އިވެންޓަކަށް ހުޅުމާލެ ރަން ހެދުން" ކަމަށް ޝަރަފް ވިދާޅުވިއެވެ.

10 ކިލޯމީޓަރުގެ ރޭހުގައި ބައިވެރިވާން 600 ރުފިޔާގެ ފީއެއް ދައްކަން ޖެހޭއިރު، 5 ކިލޯމީޓަރުގެ ރޭހުގައި ބައިވެރިވާން 500 ރުފިޔާ ދައްކަން ޖެހެއެވެ. މީގެ އިތުރުން 12 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ އެއް މޭލުގެ ރޭހުގައި ބައިވެރިވާން 200 ރުފިޔާ ދައްކަން ޖެހެއެވެ. 5 ކިލޯމީޓަރުގެ ރޭހުގައި 13-17 އަހަރާ ދެމެދުގެ ދުވުންތެރިންނަށް ޚާއްޞަ ބައެއް ހިމެނޭއިރު، 10 ކިލޯމީޓަރުގެ ރޭހުގައި 41 އަހަރުން މަތީގެ ދުވުންތެރިންނަށް މާސްޓާ ކެޓެގަރީއެއް ހިމެނެއެވެ.

10 ކިލޯމީޓަރާއި 5 ކިލޯމީޓަރުގެ ރޭސް ފަށާނީ ހެނދުނު 6:00 ގައެވެ. 12 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ އެއް މޭލުގެ ރޭސް ފަށާނީ ހެނދުނު 7:00 ގައެވެ. ރޭސްތައް ފެށުމާއި ނިންމުން ވެސް އޮންނާނީ ސެންޓްރަލް ޕާކުގައެވެ.

ޝަރަފް ވިދާޅުވީ މިހާރު ވެސް ދުވުންތެރިން ރަޖިސްޓްރީވަމުން އަންނަ ކަމަށެވެ. "އަމާޒަކީ މަދުވެގެން ހާހަކަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިކުރުން. އިރާދަކުރެއްވިއްޔާ އެ އަމާޒު ޙާޞިލްވާނެ" ކަމަށް ޝަރަފް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ