އިންޓަނޭޝަނަލް ޑޭ އޮފް ސްޕޯޓްސް ފޯ ޑިވެލޮޕްމެންޓް އެންޑް ޕީސް ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ އަމާޒަކީ ކުޅިވަރުގެ ޒަރިއްޔާއިން މުޖްތަމައުގައި ހަމަޖެހުން ގާއިމްކުރުން ކަމަށެވެ.
މި މުނާސަބަތުގައި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރެއްވި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ކުޅިވަރުގެ ދާއިރާއިން ހުރިހާ ޖިންސަކަށް ވެސް ހަމަހަމަ ފުރުސަތުތައް ހޯދައިދީ، ރައްޔިތުން ބާރުވެރިކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މި ސަރުކާރުން ގެންދަނީ 20 އަހަރަށް ނެޝަނަލް ސްޕޯޓްސް ޑިވެލޮޕްމެންޓް ޕްލޭނެއް އެކުލަވާލަމުން. އެ ޕްލޭންގެ ދަށުން ކުޅިވަރުގެ ދާއިރާއިން ހުރިހާ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެވިގެންދާނެ" ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓްގައި އިލްތިމާސްކުރައްވާފައިވަނީ ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް އެންމެން އެކުގައި އަތްގުޅާލައި މަސައްކަތް ކުރުމަށެވެ. ރާއްޖޭގައި ކުޅިވަރުގެ އެކި ދާއިރާތައް ކުރިއެރުވުމަކީ މި ސަރުކާރުގެ އަމާޒެއް ކަމުގައިވާއިރު، އެއީ ޕްރިވެންޓިވް ހެލްތު ކެއާގެ ދަށުން ހާސިލްކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ.
މިގޮތުން، އެކި ރަށްރަށުގައި ފުޓްބޯޅަ އަދި ފުޓްސެލް ކުޅޭނެ ދަނޑުތައް ތަރައްގީކޮށްދިނުމާއި، އައުޓްޑޯ ޖިމްތައް ތަރައްގީކުރުމާއި، އެކި ރަށްރަށުގައި ޒުވާނުންގެ މަރުކަޒުތައް އެޅުން ހިމެނެއެވެ. ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ކުޅިވަރުގެ ޒަރިއްޔާއިން މުޖްތަމައުގައި ހަމަޖެހުމާއި ފާގަތިކަން އިތުރުކުރުން ކަމަށެވެ.