ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިޠުރު ޢީދާ ދިމާކޮށް ކުރިއަށްގެންދިޔަ "ޢީދު އަލި" ހަރަކާތް ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ރަސްމީކޮށް ނިންމާލައިފިއެވެ.
"ޢީދު އަލި" ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ޢީދު ފަދަ އިސްލާމީ މުނާސަބަތުތައް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރު ފަށާފައިވާ ހަރަކާތެކެވެ. މިފަހަރުގެ ހަރަކާތް ފަށާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގައެވެ.
މިދިޔަ އަހަރު ފިޠުރު ޢީދުގައި "ޢީދު އަލި" ހަރަކާތުގެ ދަށުން ކުލަ ބޮކިތަކާއި ގިޑިގެތަކުން ދިއްލާފައިވަނީ ރާއްޖޭގެ ބޮޑެތި ސިޓީތައް އެކަންޏެވެ. ނަމަވެސް މި ހަރަކާތަށް ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބާއެކު މިއަހަރުގެ ފިޠުރު ޢީދަށް އިތުރު 36 ރަށެއް ދިއްލާފައިވެއެވެ. މިގޮތުން ދިއްލާފައިވާ ރަށްތަކަކީ ސިޓީތަކުގެ އިތުރުން ކޮންމެ އަތޮޅަކުން ދެ ރަށެވެ.
ޢީދު އަލީގެ އިތުރުން، މިދިޔަ އަހަރު ޢީދަށް ދިއްލި ރަށްރަށުގައި ތަކުބީރުގެ އަޑުވެސް އިއްވާފައިވެއެވެ. ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން އަޑުހަރުކޮށް ތަކުބީރު އިއްވަން ފެށުމުން ގިނަ ބައެއްގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބިގެން ދިޔައެވެ. ތަކުބީރު އިއްވުމުގެ މި ހަރަކާތް އެންމެ ފުރަތަމަ ފަށާފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭ މޭޔަރުކަމުގައި ހުންނެވިއިރުއެވެ.
ޢީދަށް ރަށްތައް ދިއްލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރަށްތަކުގެ ކައުންސިލްތަކާ ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވަނީ މިއަހަރުގެ ފިޠުރު ޢީދަށް ފެށި ޢީދު އަލި ދިއްލުމުގެ ހަރަކާތް ހޮނިހިރު ދުވަހުގެ ރޭ ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
ސިޓީތަކާބެހޭ ވުޒާރާއިން ވަނީ މިފަހަރު ޢީދު ލައިޓު ދިއްލި ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތްތައް ފާހަގަކޮށް، ޢީދު ދިއްލައިގެން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަށް އެ ފަރާތްތަކުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި އެ ވުޒާރާއިން އިތުރަށް ހާމަކުރައްވާފައިވަނީ ކުރިއަށް އޮތް ތަނުގައިވެސް އެކި މުނާސަބަތުތަކުގައި ރަށްތަކަށް ފޮނުވާފައިވާ ލައިޓުތައް ބޭނުންކުރެވޭނެ ކަމަށެވެ. އެހެންކަމުން ކައުންސިލްތަކުން ލައިޓްތަކާއި ގިޑިގެތަކާއި ސްޕީކަރުތައް ރައްކާތެރިކަމާއެކު ބަލަހައްޓައި ނެގުމަށް ސިޓީތަކާބެހޭ ވުޒާރާއިން އެދިވަޑައިގެންފައިވެއެވެ.