ތ. ހިރިލަންދޫއަށް ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވެ އަޑިއަށްދިޔަ "ހޮޅުދޫ ބޯޓު" އިން ގެއްލުނު ލ. މާވަށަށް ނިސްބަތްވާ އަލީ މުޝްފިގް މުހައްމަދު (25) ހޯދުމަށް އެމްއެންޑީއެފްގެ ޑްރޯން ބޭނުންކޮށްގެން މިއަދުވެސް ފުޅާ ސަރަހައްދެއްގައި ސާރޗް އޮޕަރޭޝަން ކުރިއަށް ގެންގޮސްފިއެވެ.
ވައިގެ އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުން ލިބޭ މަޢުލޫމާތުން ދައްކާގޮތުގައި އެމްއެންޑީއެފްގެ ބައިރަކްތާރު ޓީބީ-2 ޑްރޯނެއް މިއަދު އަށް ގަޑިއިރުގެ މުއްދަތަށް ތ. އަތޮޅު މަތިން ދުއްވާފައިވެއެވެ. ޑްރޯން ދުއްވާފައިވަނީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި އާންމުކޮށް ބޭނުންކުރާ ޕެޓާންތަކަށެވެ.
އަށާރަ މީހުންނާއެކު ދަތުރުކުރަމުންދިޔަ "ހޮޅުދޫ ބޯޓު" ގައި ބުރާސްފަތި ދުވަހުގެ ރޭ އަލިފާން ރޯވުމާ ގުޅިގެން، އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުން ދަނިކޮށް، އެ އުޅަނދު ތ. އަތޮޅު އެތެރެވަރިއަށް އަޑިއަށް ގޮސްފައިވަނީ އެ ރޭ މެންދަމު 2:07 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެ ބޯޓުން ދަތުރުކުރި އަނެއް 17 މީހުން ވަނީ ސަލާމަތްކުރެވިފައެވެ. އަދި ބައެއް މީހުންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެވިފައިވާއިރު، ޖުމްލަގޮތެއްގައި އެންމެންގެ ހާލަތު ރަނގަޅުކަމަށް ވަނީ ބުނެފައެވެ.
މުޝްފިގު ހޯދުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން އެމްއެންޑީއެފުން އެންމެ ފަހުން މަޢުލޫމާތު ހިއްސާކޮށްފައިވަނީ ރޭގައެވެ. އޭރު ސިފައިންގެ މީޑިއާ ޓީމުން ބުނެފައިވަނީ އިއްޔެ ކަނޑު އަޑިއަށް ފީނައިގެން 65،100 އަކަ މީޓަރު އަދި ކަނޑުގެ ސަތަހައިގެ 92.94 އަކަ ނޯޓިކަލް މޭލު ބަލާފައިވާކަމަށެވެ.
އެމްއެންޑީއެފްއިން ހިންގަމުންދާ މި އޮޕަރޭޝަނުގައި މިހާތަނަށް މުޝްފިގުގެ އެއްވެސް ހިލަމެއް ފެނިފައިވާކަމަކަށް ސިފައިން ނުބުނެއެވެ.