ފިޠުރު ޢީދު ފާހަގަކުރުމުގެ ގޮތުން މަންފާއާއި އެޗްޑީސީ ގުޅިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިއްޔެ ހަވީރު ބޭއްވި ޢީދު ފެސްޓިވަލް ވަނީ ވަރަށް ކާމިޔާބުކަމާއެކު ނިމިގެން ގޮސްފައެވެ. މި ފެސްޓިވަލަށް ހާޒިރުވެފައިވަނީ އެތައް ހާސް ބައެކެވެ.
ފެސްޓިވަލްގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ޝައުގުވެރިކަން އިތުރުކުރުވާނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެތެރޭގައި ފޭސްޕެއިންޓިންގ، ރިންގްޓޮސް، ޖަމްޕް އެންޑް ޕްލޭ، ރޭސިންގ ކާސް ޑެމޯ، ޕޮލިސް ކިޑްސް ޝޯ، ހީނާ، އެރޭންޖިންގ ކަލާ ބޯލްސް، މޭކިންގ ޢީދު ކާޑްސް އަދި ހޮޕިންގ ފަދަ ހަރަކާތްތައް ހިމެނެއެވެ.
މި ފެސްޓިވަލްގައި އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކަށް ވެފައިވަނީ މަޝްހޫރު ހުށަހެޅުންތެރިޔާ އިބްރާހިމް ރަމީޒު (ރަމީޒުބެ) އާއެކު ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ޚާއްސަ ސްޓޭޖް ހަރަކާތެވެ. މި ހަރަކާތަށް ކުޑަކުދިންގެ ބައިވެރިވުމާއި ޝައުގުވެރިކަން ވަރަށް ބޮޑަށް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
މި ފެސްޓިވަލާ ގުޅޭގޮތުން މަންފާގެ ރައީސް ޢަލީ ރަމީޒު ވިދާޅުވެފައިވަނީ މި ފެސްޓިވަލް ވަރަށް ކާމިޔާބުކަމަށެވެ. "އަލްޙަމްދުލިއްލާ. ފިޠުރު ޢީދުގެ އިވެންޓު މިހާ ކާމިޔާބު ވާނެކަމަށް ކުރިން ލަފައެއް ނުކުރަން. ހީކުރި ވަރަށްވުރެ މާބޮޑަށްވެސް ކާމިޔާބު އިވެންޓަކަށް މި އިވެންޓު ވެގެންދިޔައީ. އެތަނަށް ދާ ކުދިންނަށް ބެހުމަށްޓަކައި އަޅުގަނޑުމެން ހެދި ހާހަކަށް ވުރެ ގިނަ ހަދިޔާވެސް މާބޮޑަށް މަދުވެގެންދިޔައީ ހާޒިރުވި ކުދިން ގިނަވުމުގެ ސަބަބުން" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ޢަލީ ރަމީޒު ވަނީ ފެސްޓިވަލް ކާމިޔާބުކުރުމަށް އެހީތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އޭގެތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަން، ޑްރިފްޓް އެސޯސިއޭޝަން، އުކުޅަސްހޯޕް އަދި ޚިދުމަތް ޖަމިއްޔާ ހިމެނެއެވެ.