މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ފަރުވާދޭ މަރުކަޒުތައް ތިން ރަށެއްގައި ޤާއިމުކުރުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މަސައްކަތް ހަވާލުކޮށްފިއެވެ. މި މަރުކަޒުތައް ޤާއިމުކުރާނީ ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. ގަމުގައެވެ.
ފަރުވާދޭ މަރުކަޒުތައް އެޅުމުގެ މަސައްކަތް ހަވާލުކުރުމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި އާރުޑީސީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެޖެންސީގެ އެކްޓިންގ ސީއީއޯ މުޙައްމަދު ރާޝިދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރެވެ.
އެންޑީއޭއިން ބުނެފައިވާ ގޮތުގައި ފަރުވާދޭ މަރުކަޒުތައް އެޅުމަށް ނ. ވެލިދޫން މިހާރު ވަނީ ބިމެއް ހަމަޖެހިފައެވެ. އަދި ދެން ބާކީ އޮތް ދެ ރަށުން ބިން ހަމަჟެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ އެޖެންސީން ވަނީ ހާމަކޮށްފައެވެ.
މަސްތުވާތަކެތިން އަރައިގަތުމަށް ފަރުވާދޭ މި މަރުކަޒުތައް އެޅިގެން ދިއުމުން މަސްތުވާތަކެތިން އަރައިގަތުމަށް ދެވޭ ފަރުވާގެ ފުރުޞަތު ގިނަ ބަޔަކަށް ލިބުމުގެ ފުރުޞަތު ފަހިވާނެ ކަމަށް އެންޑީއޭގެ އެކްޓިންގ ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވެފައިވެއެވެ. އަދި އަތޮޅުތަކުން މީހުން މާލެ ނައިސް ފަރުވާ ހޯދުމުގެ ފުރުޞަތުވެސް މިއާއެކު ފަހިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ޖުމްލަ ހަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރު ހުންނަކަމަށާއި، މި ސެންޓަރުތަކުން އެއްފަހަރާ ފަރުވާ ދެވެނީ ގާތްގަނޑަކަށް 570 މީހުންނަށްކަމަށް ވެއެވެ. ނަމަވެސް އެކި ގޮތްގޮތުން ޖާގަ ހަދައިގެން މިއަށްވުރެވެސް ގިނަ އަދަދެއްގެ މީހުންނަށް ދަނީ ފަރުވާދެމުންނެވެ. އެންޑީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ފަރުވާއަށް ޙުކުމްކޮށް ފަރުވާ ދޭން ނުފެށި ސަތޭކައެއްހާ މީހުން މިހާރުވެސް އެބަތިއްބެވެ.
އެންޑީއޭގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ހިންމަފުށީ ފަރުވާދޭ މަރުކަޒުގައިވެސް މިހާރު ހުރި އަދަދަށްވުރެ އެއްހާސް ޖާގަ އިތުރުކުރުމެވެ.