މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ 8:00 ގައި އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މީލާދީ ގޮތުން މާރިޗު މަހުގެ 31ވާ ހޯމަދުވަސް ކަމުގައި ބެލެވެއެވެ.
އެހެން އަހަރުތަކުގައިވެސް ޢަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ހަނދުބެލުމާއި ހަނދު ފެނުނުކަމަށް ހެކިބަސް ދިނުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ނިންމާފައިވާއިރު، މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ހެކިބަސްދިނުމުގެ އިންތިޒާމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހަމަޖައްސާފައިވެއެވެ.
ޑީޖޭއޭއިން މަޢުލޫމާތު ދެއްވާގޮތުގައި ޝައްވާލްމަހުގެ ހަނދު ދުށް ފަރާތްތަކުން ހެކިބަސް އަދާކުރުމަށާއި، ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މާރިޗު 29 ވާ ހޮނިހިރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތަކާއި، ރަށުކައުންސިލް އަދި އަތޮޅުކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެއެވެ.
މާލޭގައި ހަނދުފެންނަ ފަރާތްތަކުން ހެކިބަސް އަދާކުރާނީ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައި ކަމަށާއި، އަތޮޅުތެރޭގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓުކޯޓްގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްނަމަ ކައުންސިލް އިދާރާއާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިފުޅުމަތީގައި ހެކިބަސް އަދާކުރެވޭނެއެވެ.
ހަނދުފެނިގެން މަޢުލޫމާތުދޭއިރު، ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދިނުމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެދިވަޑައިގެންފައިވެއެވެ. މީގެއިތުރުން، ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ ޕީއެސްއެމްގެ ޗެނަލްތަކުން ސީދާ ގެނެސްދިނުމަށް ހަމަޖެހިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.