މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުގެ ފިޠުރު ޢީދު ނަމާދުގެ ޖަމާޢަތް ފަށާނީ ހެނދުނު 7:00 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
ރާއްޖޭގައި ކުރީގައި ޢީދު ނަމާދު ކުރަމުން އައީ ހެނދުނު 7:30 ގައި ނަމަވެސް، މިދިޔަ އަހަރުގެ ފިޠުރު ޢީދުން ފެށިގެން ނަމާދުގެ ވަގުތު ވަނީ ހެނދުނު 7:00 އަށް ބަދަލުކޮށްފައެވެ. މިގޮތަށް ގަޑި ބަދަލުކުރަން ނިންމީ ހެނދުނު 7:30 އަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތެއް ކަމަށްވެފައި، މިހާރު ގިނަ މައިދާންތަކާއި ހުސްބިންތަކުގައި ޢީދު ނަމާދު ކުރުމުގެ ސަބަބުން ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ޖަމާޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ހިމެނޭއިރު، ހޫނުގަދަވުމުގެ ސަބަބުން އެފަރާތްތަކަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށްޓަކައި މި ބަދަލު ގެނައި ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
މާލެ ސަރަހައްދުގައި 27 ތަނެއްގައި ޢީދު ނަމާދުކުރެވޭނެ
އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މިއަހަރުވެސް މާލެ ސަރަހައްދުގައި ޖުމްލަ 27 ތަނެއްގައި ޢީދު ނަމާދު ކުރެވޭނެއެވެ. މީގެ ތެރޭގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ބޮޑުޖަމާޢަތުގައި ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.
ބޮޑުޖަމާޢަތުގައި ނަމާދު ކުރެވޭނެ ތަންތަނުގެ ތެރޭގައި:
- މާފަންނު ސްޓޭޑިއަމް
- ވިލިމާލޭ ބޯޅަދަނޑު
- ހުޅުމާލޭގެ ސިންތަޓިކް ޓްރެކް
- ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކްރިކެޓް ސްޓޭޑިއަމް
މީގެ އިތުރުން، މިސްކިތްތަކުގައިވެސް ޢީދު ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިޠުރު ޢީދު އޮންނާނީ މާރިޗު މަހުގެ 31 ވަނަ ދުވަހުއެވެ.