ކުރިއަށް އޮތް ފިޠުރު ޢީދާ ގުޅިގެން ސަރުކާރުގެ ބަންދު ދުވަސްތައް އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ޚަބަރަކުން ބުނިގޮތުގައި، ޝައްވާލް މަހުގެ 1 ވަނަ ދުވަސް އަންނަނީ ކޮން ދުވަހަކުކަން ބެލުމަށްފަހު ބަންދު ދުވަސްތައް ކަނޑައަޅާފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ޝައްވާލް މަހުގެ 1 ވަނަ ދުވަހަކީ މާރިޗު 31 ވާ ހޯމަ ދުވަސް ކަމަށް ކަނޑައަޅައިފިނަމަ، ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަކީ މާރިޗު 31 އާއި އޭޕްރިލް 1, 2 އަދި 3 އެވެ. އެހެންނަމަވެސް ޝައްވާލް މަހުގެ 1 ވަނަ ދުވަހަކީ މާރިޗު 30 ވާ އާދީއްތަ ދުވަސްކަމަށް ކަނޑައަޅައިފިނަމަ، ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަކީ މާރިޗު 30, 31 އަދި އޭޕްރިލް 1, 2, 3 އެވެ.
ރައީސް އޮފީހުން ފާހަގަކުރިގޮތުގައި، މިގޮތަށް ބަންދު ދުވަސްތައް އިތުރުކޮށްފައިވަނީ މުވައްޒަފުންނަށް ޢާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައެވެ. އަދި މެދުނުކެނޑޭ ގޮތަށް ބަންދު ދުވަސްތައް ލިބޭނެގޮތް ހަމަޖެއްސުމުގެ މަޤްޞަދުގައެވެ.
ފިޠުރު ޢީދުގެ ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ އޭޕްރިލް 6 ވަނަ ދުވަހުއެވެ.