މާލޭ ބާޒާރުގައި ރެކޯޑް އަގަށް އަރާފައިވާ ލޮނުމެދުގެ އަގު ތިރިކުރުމަށް އެސްޓީއޯއިން ފިޔަވަޅުތަކެއް އަޅައިފިއެވެ. ކިލޯއެއް 100 ރުފިޔާއަށް އަރާފައިވާ ލޮނުމެދު، އެސްޓީއޯއިން މިހާރު ވިއްކަމުންދަނީ ކިލޯއެއް 45 ރުފިޔާއަށެވެ.
ބާޒާރުގައި ލޮނުމެދު ނުލިބޭ ހާލަތަށް ގޮސްފައިވަނިކޮށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލޮނުމެދު ވިއްކަން ފެށުމާއެކު، ލޮނުމެދުގެ އަގުތައް ދަށަށް ދާން ފަށާފައިވާކަމަށް ވަނީ ފާހަގަކުރެވިފައެވެ.
އެހެނިހެން ކާބޯތަކެއްޗަށް ގެނެވުނު ބަދަލު
ލޮނުމެދުގެ އިތުރުން، އެސްޓީއޯއިން ބާޒާރަށް ނެރެމުންދާ އެހެން ބާވަތްތަކުގެ އަގުތަކަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން:
- ފިޔާ: ބަސްތާއެއް 335 ރުފިޔާ، ވަކިން ކިލޯއެއް 14 ރުފިޔާ
- ބިސް: ކޭހެއް 350 ރުފިޔާ، ވަކިން ބިހެއް 2 ރުފިޔާ
- އަލުވި: ބަސްތާއެއް 515 ރުފިޔާ، ވަކިން ކިލޯއެއް 25 ރުފިޔާ
މި އަގުތަކަކީ ރަމަޟާން މަހަށް ހާއްޞަކޮށް ބާޒާރަށް މުދާ ނެރެން ފެށުމަށްފަހު، ހަތަރުވަނަ ފަހަރަށް ގެނެވުނު އަގުގެ ބަދަލުކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
ރަމަޟާން މަހަށް ހާއްޞަ
އެސްޓީއޯއިން ރަމަޟާން މަހަށް ހާއްޞަކޮށް އެތެރެކުރާ ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. ކުންފުނިން ބުނެފައިވާ ގޮތުގައި، އެތަކެތި އެތެރެކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަ މަހު އެ ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމެވެ.
ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، ރައްޔިތުން އާންމުކޮށް ބޭނުންކުރާ އަސާސީ ކާބޯތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯއިން އެންމެ އިސްކަންދޭ އެއް ކަމެއްކަމަށް އެކުންފުނިން ބުނެފައިވެއެވެ.