ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

ގުޅުންހުރި

މޫސުމާބެހޭ ޤައުމީ އިދާރާއިން އަންގަވާފައިވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޮޑު ސަރަހައްދެއްގައި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އާންމުންނަށް ސަމާލުވުމަށް އިލްތިމާސްކުރައްވައިފިއެވެ. އާދިއްތަ ދުވަހާ ހަމައަށް ރާއްޖެއަށް ވިއްސާރަކުރާނެކަމަށް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.

މިގޮތުން، ޚާއްޞަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، އާންމު ވައި ގަދަވާނެކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް ލަފާކުރެވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި ދެކުނާއި މެދުރާއްޖޭގެ އަތޮޅުތަކަށް މޫސުން އެންމެ ގޯސްވާނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުގެ ވަގުތުތަކުގައެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.

ވައިގެ ހާލަތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ.

ކަނޑުގެ ހާލަތަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ލަފާކުރެވެއެވެ. ދެކުނުގެ ސަރަހައްދުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ހުންނާނެކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި މި ވިއްސާރައަކީ ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ޚާއްޞަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ ރައްޔިތުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ