ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

Author
ހުސައިން
23 ފެބްރުއަރީ 2025 06:28
0

ހެލްތް މިނިސްޓްރީން ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް 181 މިލިއަން ރުފިޔާއަށް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާއިރު، 50 އެނދުގެ މި ހޮސްޕިޓަލުގައި ޒަމާނީ ވަސީލަތްތަކެއް ޤާއިމްކުރެވޭނެއެވެ.

މިގޮތުން މެމޮގްރަފީ ޚިދުމަތާއި، ޑެންޓަލް އޯޕީޖީ އަދި ކަށީގެ ފަރުވާއަށް ޚާއްސަ އޯތޯ-ތިއޭޓަރ ޤާއިމްކުރެވޭނެއެވެ. އަދި ހޮސްޕިޓަލުގެ މުވައްޒަފުންނާއި އަތޮޅުތެރޭގެ މުވައްޒަފުންގެ ތަމްރީނުތަކަށް ބޭނުންކުރެވޭނެ ވަސީލަތްތަކާއި ޕްރައިވެޓް ރޫމްތައްވެސް މި ހޮސްޕިޓަލުގައި ހިމެނޭނެއެވެ.

ކުޑަހުވަދޫގައި އެއަރޕޯޓެއް އޮތުމާއެކު، އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރެވޭނެ އިމަޖެންސީ އީއާރެއް ޤާއިމްކުރެވޭނެއެވެ. އަދި ކޮވިޑް-19 ފަދަ ބަލިމަޑުކަމެއްގައިވެސް ހޮސްޕިޓަލުގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީއެއްވެސް ހިމެނޭނެއެވެ.

ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަން ލިބޭނެގޮތް ހަދާފައިވާއިރު، ހަކަތައިގެ ޚަރަދު ކުޑަކުރުމަށް ސޯލަރ ޕީވީ ސިސްޓަމާއި ޕަވަރ ބެކަޕް ސިސްޓަމް ޤާއިމްކުރެވޭނެއެވެ. މީގެއިތުރުން ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ އަދި މެޑިކަލް އޮކްސިޖަން ޕްލާންޓްވެސް ޤާއިމްކުރެވޭނެއެވެ.

މި އައު ހޮސްޕިޓަލުގެ ޚިދުމަތް ފެށުމުން ދ. އަތޮޅުގެ ރައްޔިތުންނާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ލިބިގަތުމުގައި ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.