ކުރިޔަށް އޮތް ރަމަޟާން މަހު ސަރުކާރުން ހިލޭ ބެހުމަށް ނިންމާފައިވާ މަސްދަޅު ކޭސް ހޯދުމަށް ދިގު ކިއުއެއް ދަމާލައިފިއެވެ. މަސްދަޅު ކޭސްތައް ބަހަނީ ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ބެލުމުގެ ދަށުންނެވެ.
އެސްޓީއޯ އިން މިއަދު ބުނީ 1446 ވަނަ އަހަރު ރަމަޟާން މަހަށް ގޭބީސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް 20 ފެބްރުއަރީ 2025 ން ފެށިގެން 27 ފެބްރުއަރީ 2025 ގެ ނިޔަލަށް ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭގޮތަށް ކަންކަން ރާވާ ބައްޓަންކުރުމަށް ކުރިން 20 ފެބްރުއަރީވާ ބުރާސްފަތި ދުވަހުގެ 2:30ގައި ފަށަން ރޭވިފަވާ ހަރަކާތް މިހާރުވަނީ މިރޭގެ 8:30އަށް ބަދަލުކުރެވިފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން އިތުރަށް ހާމަކުރި ގޮތުގައި، މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ތަފާތު ދުވަސްތަކުގައި ތަފާތު ގަޑިތަކުގައެވެ. 20 ފެބްރުއަރީގައި ރޭގަނޑު 8:30 އިން 11:00 އަށް މަސްދަޅު ބެހުމަށްފަހު، 21 ފެބްރުއަރީގައި ބަންދުކުރެވޭނެއެވެ. 22 ފެބްރުއަރީގައި ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށް މަސްދަޅު ބެހޭނެއެވެ. 23 ފެބްރުއަރީން ފެށިގެން 27 ފެބްރުއަރީއާ ހަމައަށް މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށް މަސްދަޅު ބެހުން ކުރިއަށްދާނެއެވެ.
މާލޭ ސަރަހައްދުގައި މަސްދަޅު ބެހުމަށް ހަމަޖެހިފައިވަނީ މާލޭގައި މިފްކޯ އޮފީސް ކޮމްޕައުންޑާއި ހެންވޭރު އެމްޓީސީސީ ސޯމިލްގައެވެ. ވިލިމާލޭގައި ވެމްކޯ ސައިޓުގައި، ހުޅުމާލެ ފޭސް-1 ގައި އުމަރު ޒާހިރު ބިލްޑިންގގައި އަދި ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރުގައި މަސްދަޅު ބެހުން ކުރިއަށްދާނެއެވެ. އެސްޓީއޯ އިން ބުނީ ގެނެވުނު ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.