ވިސްލްބްލޯވާ ޕްރޮޓެކްޝަން ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިދާރާއެއް ޖޫރިމަނާ ކޮށްފި

ވިސްލްބްލޯވާ ޕްރޮޓެކްޝަން ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިދާރާއެއް ޖޫރިމަނާ ކޮށްފި

Author
ހުސައިން
20 ފެބްރުއަރީ 2025 08:05
0

2019 ވަނަ އަހަރު އުފެދުނު ވިސްލްބްލޯވާ ޕްރޮޓެކްޝަން ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިދާރާއެއް ޖޫރިމަނާ ކުރުމުގެ ފިޔަވަޅެއް އަޅައިފިއެވެ. މި ޖޫރިމަނާ ކުރެވުނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މައްޗަށެވެ. އެ އިދާރާ ޖޫރިމަނާ ކުރަން ނިންމީ، ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ކުރި ދެ އަމުރަކަށް ތަބާވެފައި ނުވާތީއެވެ.

މައްސަލައިގެ ތަފްސީލަށް ބަލާއިރު، ޕޯސްޓް އޮފީހުގެ މުވައްޒަފަކު ވިސްލްބްލޯ ކުރުމާ ގުޅިގެން އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ޕޯސްޓުން ފެށުމުން، އެކަން ނުކުރުމަށް ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން އަމުރު ކުރިއެވެ. ނަމަވެސް އެ އަމުރާ ޚިލާފަށް މުވައްޒަފު ވަޒީފާއިން ވަކިކުރުމުން، އޭނާގެ ވަޒީފާ އަނބުރާ ރުޖޫއަ ކުރުމަށް އިތުރު އަމުރެއް ކުރިއެވެ. މި އަމުރަށްވެސް ޕޯސްޓުން ތަބާވެފައި ނުވެއެވެ.

މި ދެ އަމުރާ ޚިލާފުވުމުގެ ސަބަބުން، ބުރާސްފަތި ދުވަހު ޕޯސްޓް އޮފީސް ނުވަ ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އަމުރު ވަނީ އެ އިދާރާއަށް ފޮނުވިފައެވެ. ވިސްލްބްލޯވާ ޕްރޮޓެކްޝަން ގާނޫނުގެ ދަށުން، ޔުނިޓުގެ އަމުރަކާ ޚިލާފުވާ ފަރާތްތައް އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު އެ ޔުނިޓަށް ލިބިގެންވެއެވެ.

މީގެ އިތުރުން، ޕޯސްޓް އޮފީހާ ގުޅޭ އެހެން މައްސަލަތަކެއްވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވަނީ ހުށަހެޅިފައެވެ. މީގެ ތެރޭގައި ޕޯސްޓް އޮފީހުގެ އެމްޑީ ނުގަވާއިދުން ބޮޑު މުސާރަ ނަގާ މައްސަލަވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.